HOME    

ރިއްސަށްފަހު ތަށި ހޯދަން ރާއްޖެ 17 އަހަރު ނެގީ ކީއްވެ؟

29 ޖޫން 2008

އެމް.އެމް.އެޗް
(ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ފަރާތެއް)

 (ސާފްޗެމްޕިއަންޝިޕްގެ ތައްޓާއެކު ގައުމީޓީމުގެ ބަޔެއް ކުޅުންތެރިން ކޮލަމްބޯގެ ސްގަތަދާސަ ސްޓޭޑިއަމްގައި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އުފާފާޅުކުރަނީ)

                 ހަދާންވާ ގޮތުގައި އެއީ 1984 ވަނަ އަހަރުގެ ތެރޭގެ ރެޔެކެވެ. ދިވެހި ގައުމީޓީމު ސްރީލަންކާގައި ސްރީލަންކާއާ ދެކޮޅަށް މެޗެއް ކުޅެނީއެވެ. މިމެޗު ވަގުތުން ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުން ގެންދިޔައެވެ. ހީވަނީ އެއީ މިގޮތަށް ރާއްޖެއިން ބޭރުން އަޑު ފެތުރި ފުރަތަމަ ފަހަރު ހެންނެވެ. ކޮމެންޓޭޓަރަކީ ބަދުރުއްނަސީރެވެ. ވަރަށްގިނަ ބަޔަކު ފޯރިއާއެކު ރޭޑިޔޯ އަޑު އަހަމުން ގެންދިޔައެވެ. ނަމަވެސް އެއީ ފުޓްބޯޅައަށް ލޯބިކުރި ދިވެހިންނަށް ހިތާމައިގެ ރެޔެކެވެ. ކުޅެންފެށިތާ މާގިނައިރެއްނުވެ ސްރީލަންކާ ލަނޑެއް ޖަހައިފިއެވެ. އެއަށްފަހު ފުލުފުލުން ލަނޑު ޖަހަމުން ގެންދިޔައެވެ. ނިމުނީ 5-0 ން ލަންކާ މޮޅުވެގެންނެވެ.

     އެއީ އޭރުގަ ދިވެހިޓީމުގެ ޙާލެވެ. ސަރަހައްދުގެ ބޮޑެތި ޓީމުތައް އަތުން ބޮޑު ތަފާތުތަކުން އޭރު ދިވެހިޓީމު ބަލިވެއެވެ. ނަމަވެސް އޭގެ ހަތްއަހަރު ފަހުން ހަމަ ސްރީލަންކާގައި ކުޅެ ސާފްގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖެ ގޮސް ރިހިމެޑަލް ހޯދިއެވެ. އެމުބާރާތުގެ މެޗެއްގައި ދިވެހިރާއްޖެ ސްރީލަންކާއާ ބައްދަލުކޮށް 1-0 ން ސްރީލަންކާ ބަލިކޮށްފައިވެއެވެ. ކަންދިމާވި ގޮތުން އޭރު އަޅުގަނޑު ހުރީ ސްރީލަންކާގައެވެ. ސްރީލަންކާ މެޗުން ރާއްޖެ މޮޅުވުމަށްފަހު އެއްދުވަހު ފިހާރައެއްގައި އަޅުގަނޑު ހުއްޓައި ދިވެއްސެއްކަން އެނގުމުން އެފިހާރަ ތެރޭގައި ހުރި މީހަކު ބުންޏެވެ.

     "އެއްއިރެއްގައި އަހަރެމެންނަކީ ކަލޭމެންގެ މާސްޓަރުން. ކަލޭމެންނަކީ މިހާރު އަހަރެމެންގެ މާސްޓަރުން" މިފަދައިން އޭނާ ބުންޏެވެ.

     އެއީ 1991 ވަނަ އަހަރެވެ. ފުރަތަމަ ސިލްވަރ ހޯދި ފަހަރެވެ. ނަމަވެސް އެއަށްފަހު ތަށި ހޯދައި ގޯލްޑް ހާސިލް ކުރުމަށް 17 އަހަރު ނެގީ ކީއްވެގެންތޯއެވެ؟ އެތައް ސަބަބުތަކެއް ހުރެދާނެއެވެ. އަދި އެސަބަބުތަކާމެދު ޚިޔާލް ތަފާތުވުންވެސް އެކަށީގެން ވެއެވެ.

     އަޅުގަނޑުގެ ނަޒަރުގައި އެންމެބޮޑު ސަބަބަކީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް ބޭއްވުން ހުއްޓާލުމެވެ. 1984 ވަނަ އަހަރު (ސްރީލަންކާ އަތުން 5 ލަނޑުން ރާއްޖެ ބަލިވިއިރު) އެއީ ވަރަށް ފޯރިޔާއެކު ރާއްޖޭގައި އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް ފެށި އަހަރެވެ. މިމުބާރާތްތަކުން ވަރަށް ފެންވަރު ރަނގަޅު ކުދިން ނުކުންނަމުން ދިޔައެވެ. އޭރު 21 އަހަރުންދަށް، 18 އަހަރުންދަށް، 15 އަހަރުންދަށް އަދި 12 އަހަރުން ދަށުގައިވެސް އިންޓަރ ސްކޫލް މުބާރާތް ބާއްވަމުން ދިޔައެވެ. 1991 ވަނަ އަހަރު ސިލްވަރ ހޯދިއިރު އެމުބާރާތްތަކުން ނުކުތް ބަޔެއް ކުޅުންތެރިން ގައުމީޓީމަށް ކުޅެމުން ދިޔައެވެ.

     ނަމަވެސް 1990 ގެ އަހަރުތަކުގެ މެދުތެރެއަށް ދިޔައިރު އިންޓަރ ސްކޫލް މުބާރާތުގެ ފޯރި ވަރަށްބޮޑަށް ކުޑަވެއްޖެއެވެ. އަދި އެންމެފަހުން އެމުބާރާތަކީ ނުބޭއްވޭ މުބާރާތަކަށް ވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އައު މޮޅުކުޅުންތެރިން އުފެދުން މަދުވެއްޖެއެވެ.

     17 އަހަރުގެ ދިގު މުއްދަތެއް ނެގުމުގެ ސަބަބުތަކުގެ ތެރޭގައި 1987 ވަނަ އަހަރުން ފެށިގެން އަހަރުތަކެއް ވަންދެން ސަރުކާރުގެ ވަކިދާއިރާ ތަކަކަށް ސްކޫލް ނިމޭކުދިން ވައްދަމުން ގެންދިޔުންވެސް ހިމެނެއެވެ. މިގޮތުން އެދުވަސްކޮޅު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުން ނުކުތް ވަރަށް ގިނަ ކުދިބަޔަކުވެސް ސަރުކާރުގެ ދާއިރާގެ ތެރެއަށްވަދެ ކުޅީވަރުގެ ދާއިރާ ދުރަށް ދިޔައެވެ.

     އެންމެފަހުން މުބާރާތް ބޭއްވުން ހުއްޓުމުން މިދޮރު ބަންދުވެގެން ދިޔައެވެ. ދެން ދިމާވާ އަނެއް މައްސަލައަކީ ފަރިތަކުރާނެ ބިން ނެތުމުގެ މައްސަލައެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ދިރިއުޅެނީ މާލޭގައެވެ. އެހެންވީމާ ބޯޅައިގެ ފުރަތަމަ މަރުޙަލާގެ ތެރެއަށް ވަންނާނެ ފުރުޞަތު ކުދިންނަށް ލިބުން ވަރަށް ހަނިވެގެން ހިނގައްޖެއެވެ. މިފުރުޞަތު ލިބެނީ ސްކޫލްތަކުގައި ބާއްވާ އިންޓަރ ހައުސް މުބާރާތްތަކުންނެވެ.

     މިހާރު އެފްއޭއެމްއިން ވަކި އުމުރު ފުރާތަކަކަށް ބަހާލައިގެން ވަރަށް ރަނގަޅު ޕްރޮގްރާމެއް ކުރިޔަށް ގެންދެއެވެ. މިޕްރޮގްރާމް ތަކުގައި އެކިއެކި ސްކޫލްތަކުގެ ޕްރައިމަރީ ކްލާސްތަކުގެ ދަރިވަރުންވެސް ބައިވެރި ވެއެވެ. ނަމަވެސް މިތަމްރީން ތަކުންވެސް އެކަށީގެންވާ ނަތީޖާއެއް ނުކުންނާނީ މުބާރާތް ބޭއްވޭ ނަމައެވެ. މިގޮތުން އާ ފޯރިއަކާއެކު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް ބޭއްވޭގޮތް ވެއްޖެނަމަ އިތުރު ދިރުމެއް ފުޓްބޯޅައަށް އަންނާނެކަމަށް ފެނެއެވެ. ޚާއްސަކޮށް ރާއްޖެއަށް ސާފްޗެމްޕިއަންޝިޕް ލިބުމާއެކު މިކާމިޔާބީ ދަމަހައްޓަން އެބަޖެހެއެވެ. މިހާރު އެއޮތީ ތަށި ލިބިފައެވެ. ދެން އެފެންވަރުގައި ހިފަހައްޓަން މަޖުބޫރު ވާނެއެވެ.

(ނޯޓް: މިގޮތަށް ކިޔުންތެރިން ފޮނުއްވާ ރިޕޯޓާއި ޚިޔާލުތައް ރާއްޖެ ކުޅިވަރު ނޫހުގައި ޖަހައިދޭނަމެވެ. އީމެއިލް ކުރައްވާށެވެ. ނުވަތަ އަޅުގަނޑުމެންނާ ގުޅުއްވާށެވެ.)