|
އަހަރެންގެ ބޮލުގައި ވަގު ބަދުނާމް އަޅުވައިގެން ނުވާނެ- ޒާހިރު
ޖައުފަރު ރަޝީދު (ޖޯރޭ) (ތިރީގައި އެވަނީ ކެރަމް ފެޑަރޭޝަނުގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޒާހިރު ނަސީރު ދާދިފަހުން ކެރަމް ޓީމު ގޮވައިގެން ފްރާންސަށް ދިޔުމާގުޅިގެން އުފެދުނު މައްސަލަތަކާ ބެހޭގޮތުން "ރާއްޖެ ކުޅިވަރު" ނޫހަށް ދެއްވި ޚާއްސަ އެކަމަކު ވަރަށް ކުރު އިންޓަވިއުއެކެވެ. މިއިންޓަވިއުއަކީ ވަރަށް ކުޑަވަގުތު ކޮޅެއް މިނޫހަށް ދެއްވައިގެން ޒާހިރު ދެއްވި އިންޓަވިއުއެކެވެ. މިނޫހުން ދެންނެވި ބަޔެއް ސުވާލުތަކަށް ޒާހިރު ޖަވާބު ނުދެއްވީ ވަގުތު ނެތްކަމަށް ވިދާޅުވެއެވެ. މިއީ ކެރަމްޓީމުގެ މައްސަލައިގައި ޒާހިރު ރާއްޖޭގެ މީޑިޔާއަށް ދެއްވި އެންމެ ދިގު އަދި އެންމެ ތަފްސިލް އިންޓަވިއުއެވެ.)
ރާއްޖެ ކުޅިވަރު: ކެރަމްޓީމު ގޮވައިގެން ޒާހިރު ފްރާންސަށް ވަޑައިގަތުމުން ފެންމަތި ވެގެން މިއުޅޭ މައްސަލައާމެދު ކީކޭތޯ ވިދާޅުވަނީ؟ ޒާހިރު: އެމީހުން (މިނިސްޓްރީން) ހީކުރީ އެމީހުންގެ ޚިޔާލާ ދެކޮޅަށް އަހަރެން ފުރައިގެން ދިޔައީކަމަށް. އެމީހުން (މިނިސްޓްރީން) މައުލޫމާގެ އަސްލަކާ ނުބެހޭ. އެންމެންވެސް ކިޔަނީ ޒާހިރު ފުރައިގެން ދިޔައީއޭ. އަސްލު މައްސަލައަކީ އަހަރެމެން ވަރަށް ރަނގަޅަށް ރާވައިގެން މިކަން ގެންދަނިކޮށް ގްރޫޕް ހަދައިގެން އައިސް ބަޔަކު ހައްލާލީ. އެއްވެސް އެސޯސިއޭޝަނަކުން ގައުމީޓީމު ނަގާގޮތް ކަމުނުގޮސްގެން ކުޅިވަރާބެހޭ މިނިސްޓްރީން ގޮތެއް ނުނިންމޭނެ. އެއީ އިންސާފެއްނޫން. މިސާލަކަށް ބަލާބަލަ. ރާއްޖޭގެ ގައުމީޓީމު ސާފްޗެމްޕިއަންޝިޕަށް ނެގުމުން އޭގެތެރެއިން ޓީމުން ކަޓައިގެންދާ ހުރިހާ ކުޅުންތެރިން މިނިސްޓްރީއަށް ގޮސް މައްސަލަ ޖެއްސުމުން މިނިސްޓްރީން ބަޔަކު އައިސް އެއްކަލަ ކަޓައިގެންދިޔަ ކުޅުންތެރިން ގައުމީޓީމަށް ނަގާނެތަ. ދުނިޔޭގެ އެއްވެސް ގައުމެއްގައި އެގޮތަށް ގައުމީޓީމު ނަގަޔެއްނޫޅޭ. މިއީ ވަރަށް ހެއްވާ މައްސަލައެއް. ރާއްޖެ ކުޅިވަރު: ޓީމު ގޮވައިގެން ވަޑައިނުގަތުމަށް ކުޅިވަރާބެހޭ މިނިސްޓަރ ވަހިއްދީން ޒާހިރަށް އެންގެވިކަމަށް މިނިސްޓަރު އެބަވިދާޅުވޭ. މިނިސްޓަރު އެހެން ވިދާޅުވެފައި އޮއްވައި ކީތްވެތޯ ޒާހިރު ޓީމު ގޮވައިގެން ފުރާވަޑައިގަތީ؟ ޒާހިރު: ވަހިއްދީން ވިދާޅެއްނުވޭ ފުރައިގެން ނުދާކަށް. ވަހިއްދީން ވިދާޅުވީ އަވަހަށްގޮސްފައި އަންނާށޭ. ނުދާށެކޭ ވިދާޅެއްނުވޭ. ވަހިއްދީން އެކަމަކާ މާބޮޑަކަށް ނުބެހޭ. ވަހިއްދީނެއްނޫން އެވާހަކަ ދެއްކެވީ. ވަހިއްދީނަށް މާބޮޑަށް އަސަރުކޮށްފައި ވަނީ ރަށްރަށުގެ ކަންތަކާމެދު. ވަރަށްގިނައިން ވަހިއްދީން ވިދާޅުވި ރަށްރަށުގެ ވާހަކަ އާއި ކަތީބުންގެ ވާހަކަ އާއި އަތޮޅުވެރިންގެ ވާހަކަ. އަތޮޅުތަކާބެހޭ މިނިސްޓަރުކަން ކުރެއްވުމުން ރަށްރަށުގެ ކަންތަކާ މާބޮޑަށް ވިސްނެވީމަ ވަރަށްބޮޑަށް އަސަރުކޮށްފައި ވަނީ މިނިސްޓަރަށް. ދެން އަނެއްކާ އެދަތުރަކީ އަހަރެން ކޮންމެހެންވެސް ދާންޖެހޭ ދަތުރެއް. އަހަރެން އެތަނަށް ޙާޒިރުވާންޖެހޭ ކޮންމެހެންވެސް. އަހަރެމެން ފްރާންސަށް ފުރަން އޮތްދުވަހުގެ ކުރީ ދުވަހު 5:15 ގައި އަހަރެންނަށް ލިބުނު މިނިސްޓްރީގެ ސިޓީއެއް. އެސިޓީގައި ބުނެފައި އޮތް އެދަތުރު ދާކަށް ނުފެނެޔޭ. އެކަމަކު އެއީ ވަހިއްދީން ސޮއިކޮށްފައި އޮތް ސިޓީއެއްނޫން. މިނިސްޓްރީގެ އެހެން ބަޔަކު އެކަމާ އުޅުނީ. އެއްފަހަރުވެސް މިނިސްޓަރު ވިދާޅެއްނުވޭ އެކަން ނުކުރާކަށް. ފްރާންސަށް ދިޔުމަށް ހުރިހާ ޚަރަދެއްކޮށް ފުރަން 48 ގަޑިއިރަށްވުރެ ކުޑަތަން ވެފައިވަނިކޮށް ނުދާށޭ ބުނީމަ ދެން ކިހިނެތް ކެންސަލް ކުރާނީ. ރާއްޖެ ކުޅިވަރު: މިނިސްޓްރީން އެބަބުނޭ ކެރަމް ފެޑަރޭޝަނުގެ އެކައުންޓް ޗެކް ކުރައްވަމުން ގެންދަވާ ވާހަކަ. އެކަމާމެދު ކީކޭތޯ ވިދާޅުވަނީ؟ ޒާހިރު: އަސްލުގައި އެކައުންޓް ޗެކް ކުރާކަށްވެސް ނުޖެހޭނެ. އަހަރެންގެ ކައިރީގައި މިނިސްޓްރީން ބުނެފިއްޔާ މިތަނުގެ ހުރިހާ އެއްޗެއް ދައްކަން މިހިރީ ތައްޔާރަށް. މިތަނުގެ ހުރިހާ އެއްޗެއް ރައްކާކޮށްފައި ހުންނާނެ. މިތަނުގައި ކަރަޕްޝަން އުޅޭކަމަށް އަހަރެން ގަބޫލެއް ނުކުރަން. މިތަނުގައި އޮންނަ އެގްޒެކްޓިވް ކޮމިޓީއާ ވާހަކަ ދައްކައިގެން މިނިސްޓްރީން އެކަން ސުލްޙަވެރިކަމާއެކު ކުރަން އަހަރެން އެދެން. ފަހަރެއްގައިވެސް އެމީހުން (މިނިސްޓްރީން) އަހަރެންގެ ބޮލުގައި ވަގު ބަދުނާމެއް އަޅުވައިގެން ނުވާނެ. ރާއްޖެ ކުޅިވަރު: ކެރަމްޓީމުގެ މައްސަލަ ފެންމަތިވާން ޖެހުނު އަސްލު ސަބަބަކީ ކޮބާތޯ؟ ޒާހިރު: ތިޔަކުރީ ވަރަށްމޮޅު ސުވާލެއް. އެއްފަރާތުން ދައްކާ ވާހަކަ އަޑުއަހައިގެން ކަމަކުނުދާނެ. އަހަރެން ދައްކާ ވާހަކަވެސް އަޑު އަހަންވާނެ. އަސްލުގައި މިކަމުގައި އެބައުޅޭ މައްސަލަތަކުގައި ކުރިން ޖަލަށް ލާފައިވާ މީހުންވެސް. އަހަރެމެން މިކަން ވަރަށް ރަނގަޅަށް ރާވައިގެން ގެންގޮސް އިންތިޚާބް ބާއްވަން ހަމަޖައްސާފައި އޮތްވައި ސަރުކާރަށް ނުވަދެތިބި ކުޑަކުޑަ ކުދިން އަހަރެމެންނާ ވާދަކުރަން ނުކުތީ. 10 ވަނަ ދުވަހުގެ ރޭ އިންތިޚާބް ބާއްވަން އަހަރެމެން ނިންމީ. މައްސަލަ ޖެހުނު ރޭ ވަރަށް ޚާއްސަ މެޗުތަކެއް އޮތީވެސް. ދެން ޓީމު ހޮވަންވެގެން އަހަރެން ބުނިން މިފަހަރު އަޚްލާގަށް ވަރަށްބޮޑަށް ބަލަންޖެހޭ. ވަރަށް ދުރަށޭ ދާންޖެހެނީވެސް. އަނެއްކާ ސަރުކާރުން މިދަތުރަށް ވަރަށްބޮޑު ހޭދައެއްވެސް އެބަކުރެޔޭ. އެހެންވީމާ އަޚްލާގަށް ވަރަށްބޮޑަށް ބަލައިގެންނޭ މިފަހަރު ޓީމު ނަގާނީ. އެއީ ބަޔަކު ރުޅި އަންނަވަރުގެ ވާހަކައެއްތަ. ކިހާ ރަނގަޅު ނިންމުމެއް އެއީ. ދެން ބަޔަކު ގޮސް މައްސަލަ ޖެއްސީ އަހަރެންގެ ކައިރީގައި އިތުރަށް އެއްވެސް ވާހަކައެއްވެސް ނުދައްކައި. ދެން އެމީހުން ޖަލްސާއެއް ބާއްވައި އެގްޒެކްޓިވް ކޮމިޓީއެއް ނެގުމުން އޭތި މިނިސްޓްރީންވެސް ގަބޫލުކޮށްފި. ސަރުކާރުގައިވެސް ނޫޅޭ އަދި އެކަށީގެންވާ ޝަރުތުތަކެއްވެސް ނެތި ހޮވާފައިވާ ކޮމިޓީއެއް ކިހިނެތްތަ ގަބޫލު ކުރާނީ. އެކަމަކު އަހަރެމެންގެ ރަނގަޅު ޝަރުތުތަކެއް ހުންނާނެ. ކޮންމެ އަހަރަކު އަހަރެމެން އިންތިޚާބް ބާއްވަން. އަހަރެމެން ނޫނީ ގަވައިދުން އިންތިޚާބް ބާއްވާ އެސޯސިއޭޝަނެއްވެސް ނޯންނާނެ. މިފަހަރު ވީގޮތަކީ އަހަރެން ހައްޖަށް ދާންވެގެން އިންތިޚާބް ލަސްވީ. ދެން މިހެން އޮއްވައި ކުއްލިއަކަށް ވައްޓާލީ ސިޓީތަކެއް. އަހަރެން ބުނިން ތިޔަހެން ސިޓީތަކެއް ވައްޓާލުމުން ބަލަންޖެހޭ ކަންތައްތަކެއް ހުންނާނެޔޭ. ރާއްޖެ ކުޅިވަރު: ޒާހިރުގެ ވާހަކަ ހުންނަގޮތުން ހީވަނީ ބަޔަކު ރާވައިގެން ޒާހިރު ބޭރުކުރަން މަސައްކަތް ކުރަނީހެން. އެކަހަލަ ކަމެއް އުޅޭކަމަށް ގަބޫލު ކުރެއްވޭތޯ؟ ޒާހިރު: ތިއީ ވަރަށްބޮޑު ތެދެއް. އަހަރެން ބޭރުކުރަން ބަޔަކު މަސައްކަތްކުރޭ. މީގައި އެބައުޅޭ ވަރަށްބޮޑު ރޭވުމެއް. ކުޅިވަރާބެހޭ މިނިސްޓްރީގެ ބަޔަކު މިކަމުގެ އަޑީގައިތިބީ. އެމީހުންވެސް އަހަރެންނަށް އެނގޭ. އެކަމަކު އެހުރިހާ މީހުންގެ ނަން ވަކިވަކިން ބުނާހިތެއްނުވޭ އަހަރެން. އަހަރެން ހޯލަށް ވަންނަންދާއިރު ސައިކަލު ތަކުގައި އައިސް އަހަރެންނަށް ޖެއްސުން ކުރަންވީ ކީއްވެގެން. އަހަރެން ވިސްނާގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށްވެސް މިކަމުގެ އަސަރުތަކެއް ކުރާނެ. ސިޔާސީ ކަންތައް ގަނޑެއްވެސް މިކަމުގައި އެބައުޅޭ. ރާއްޖެ ކުޅިވަރު: މިނިސްޓްރީގައި އުޅުއްވާ ވަކިބަޔަކު ރާވައިގެން ޒާހިރު ބޭރުކުރަން އުޅެންވީ ކީއްވެގެންތޯ؟ ޒާހިރު: އެމީހުން ބޭނުންގޮތަކަށް މީތި މޮޑެލެވޭނީ އަހަރެން ބޭރުކޮށްގެންތާ. އަހަރެން ހުންނަންޏާ ހަގީގަތަށް ވާހަކަ ދައްކާނަން. އެމީހުންކުރި އެއްވެސް ގޯސްކަމެއްވެސް މިހާރަކު ނެތެއްނު. ރާއްޖެ ކުޅިވަރު: ޒާހިރު ބޭރުކުރެވިދާނެކަމަށް ގަބޫލް ކުރައްވަންތޯ؟ ޒާހިރު: އާނ. އަހަރެން މިކަމުން ދުރުކުރެވިދާނެ. އަހަރެން ދުރުކުރެވިއްޖެނަމަ ނުބައިބައިކުޅޭ މީހުންނަށް ވަރަށްބޮޑު ކާމިޔާބަކަށްވާނެ. ނުބައިބައިކުޅޭ މީހުން ބޮންގޮއްވައިގެން މީހުންވެސް މަރާލައެއްނުދޯ. ގިނަފަހަރު އެންމެފަހު ވަގުތު ކާމިޔާބު ލިބިފައި އޮންނަނީ ނުބައިބައި ކުޅޭ މީހުންނަށް. ރާއްޖެ ކުޅިވަރު: މިހާރުދެން ވަރަށްގިނަ ދުވަހު ޒާހިރަށްވެސް ކުޅިވަރުގައި އުޅެވިއްޖެ ނޫންތޯ. ރެސްޓެއް ނަންގަވާކަށް ޚިޔާލެއް ނުކުރައްވަންތޯ؟ ޒާހިރު: އަހަރެންނަށް މާބޮޑުކަމެއް ރާއްޖޭގެ ކުޅިވަރަށް ކޮށްދެވިއްޖެކަމަށް ގަބޫލެއް ނުކުރަން. އެކަމަކު އަހަރެން ވަރަށް މަސައްކަތް ކުރަން އަދިވެސް. ރެސްޓް ނަގާކަށް ބޭނުމެއްނޫން. ކަމެއް ނުކޮށެއް އަހަރެންނަކަށް ނުހުރެވޭނެ. ބަޔެއްމީހުން ބުނޭ އޮލިމްޕިކް ކޮމިޓީއެކޭ ޒާހިރު ނަސީރުގެ ގެޔެކޭ އެއްގޮތޭ. އަހަރެން މިތަނަށް (އޮލިމްޕިކް ކޮމިޓީއަށް) އައިސް އޮށޯވެލައިގެން އޮވެ ނިދަނީކީނޫން. ވަރަށް މަސައްކަތް އޮވޭ މިތަނުގައި. ކުރިން އަހަރެންގެ މަސައްކަތު ގަޑިޔަކީ ހެނދުނު 7 ޖަހާއިރު އޮފީހަށް އައިސް ފަތިހު މުނާޖާ ގޮވުމާ ހަމައަށް. އެކަމަކު މިހާރު އަހަރެންގެ މަސައްކަތު ގަޑިޔަކީ ހެނދުނު 7 ޖަހާއިރު އައިސް ދަންވަރު 12 ޖެހުމާ ހަމައަށް. ރާއްޖެ ކުޅިވަރު: ޒާހިރު ރާއްޖޭގެ ކުޅިވަރަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު އެހެންމީހުން ވަޒަން ކުރާކަމަށް ގަބޫލު ކުރެއްވޭތޯ؟ ޒާހިރު: އަގު ވަޒަންކުރާ މީހުން ވަޒަންކުރޭ. އެކަމަކު އަހަރެން ކިތަންމެ ޚިދުމަތެއް ކުރިޔަސް ނުބައިބައިކުޅޭ މީހުންނަކަށް އެކަމެއް ގަބޫލެއް ނުކުރެވޭނެ. ނުބައިބައިކުޅޭ މީހުން އަހަރެންގެ މަސައްކަތުގެ އަގު ވަޒަނެއް ނުކުރާނެ. (މިހިސާބުން ޒާހިރު އިންޓަވިއު ނިންމާލެއްވިއެވެ.)
|
|||||||||||