|
ކުޅުންތެރިންގެ އެކުވެރިކަމެއްނެތް- އަސްއަދު 25 އޭޕްރިލް 2008
އިންޓަވިއު: ޖައުފަރު ރަޝީދު (ޖޯރޭ) ތިރީގައި އެވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަޓީމުގެ ކެޕްޓަން އަސްއަދު އަބްދުލްޣަނީ ދީފައިވާ އިންޓަވިއުއެކެވެ. މިއިންޓަވިއުއިން ގައުމީޓީމުގެ އެތެރޭގެ ވަރަށްގިނަ މައްސަލަތައް އެނގިގެންދާނެއެވެ. ރާއްޖެ ކުޅިވަރު: ގައުމީޓީމުގެ ތެރޭގައި ވަރަށްބޮޑެތި މައްސަލަތައް މިހާރު އެބައުޅޭ. މިހާބޮޑު މައްސަލަތަކެއް ގައުމީޓީމުގެ ތެރެއިން ނުކުމެގެން މިއުޅޭ ސަބަބެއް ކަމަށް އަސްއަދަށް ގަބޫލުކުރެވޭ ސަބަބަކީ ކޮބާތަ؟ އަސްއަދު: މިހާރު ރާއްޖޭގެ މާޙައުލުވެސް މިއޮތީ ވަރަށްބޮޑަށް ބަދަލުވެފައި. އެހެންވީމާ މިކަމަކީ ވަކިމީހެއްގެ ބޮލަށް ޖަހާފައި ދޫކޮށްލެވެން އޮތްކަމެއްނޫން. އެކަކުއަނެކަކުގެ މެދުގައި އެހީތެރިކަމެއް ނެތިއްޔާ ކާމިޔާބެއް ނުހޯދޭނެ. ކުޅުންތެރިންވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރަންޖެހޭނެ. ކުޅުންތެރިން އެކަކުއަނެކަކަށް ވަރަށްބޮޑަށް އެނގިގެން ރަނގަޅު ނަތީޖާއެއް ނެރެވޭނީ. އެކަން ގައުމީޓީމުގައި މިވަގުތު ނެތުން އެންމެބޮޑު މައްސަލައަކީ. ރާއްޖެ ކުޅިވަރު: އަސްއަދުގެ ވާހަކަ ހުރިގޮތުން ހީވަނީ ކުޅުންތެރިންގެ މެދުގައި އަމިއްލަ މައްސަލަތަކެއް ނެރެގެން ޓީމުގެ ތެރެއަށް ވައްދަނީހެން. ކުޅުންތެރިންގެ އެކުވެރިކަން ކުޑަވެގެން ދިޔައީ އެއްކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ޒާތީ މައްސަލަތަކެއް އޮވެގެންތަ؟ އަސްއަދު: ހަގީގަތުގައި އަހަރެން ބުނާނީ ކުޅުންތެރިންގެ ތެރޭގައި އެކުވެރިކަން ވަރަށް ކުޑައޭ. ކޮންމެ ކުޅުންތެރިޔަކުވެސް ދަންނަންޖެހޭނެ ތިމަންނައަކީ ކޮންފެންވަރެއްގެ ކުޅުންތެރިޔެއްކަން. ކުޅުންތެރިޔާ ހުންނަންޖެހޭ ހިސާބު އަމިއްލައަށް ދެނެގަންނަންޖެހޭނެ. އެކަކު އަނެކަކަށް އެއްވެސްވަރަކަށް އިޙްތިރާމެއް ނުކުރޭ. އެބައި ވަރަށް ކުޑަވެއްޖެ. ކުޅުންތެރިންގެ މެދުގައި ވަރަށްބޮޑަށް އެކުވެރިކަން ކުޑަވެއްޖެ. އަހަރެންނެކޭ އެހެންކުޅުންތެރިންނެކޭ އެއްވެސް ތަފާތެއް ނޯންނާނެ. މޮޅުކުޅުންތެރިން ޓީމަށް އަރާނެ. ކުޅުންތެރިން ކުޅުންތެރިންނަށް އިޙްތިރާމްނުކޮށް އެކުވެރިކަނެއްނެތި މިކަންކުރަން ކޮންމެބަޔަކު ޓީމަށް އަޔަސް ރަނގަޅު ނަތީޖާއެއް ނުހޯދޭނެ. ކުޅުންތެރިން ވާހަކަ ދައްކައިގެން މިކަންކަން ޙައްލުކުރަން ޖެހޭނީ. ދަނޑަށް އަރާއިރު މައްސަލަތަކެއް ޖެހިފައިތިބި ކުޅުންތެރިންތަކެއް ދަނޑަށް އަރައި ކުރާނީ ވަކިކީތް. ރާއްޖެ ކުޅިވަރު: ގައުމީޓީމުގެ ބަޔެއް ކުޅުންތެރިންވެސް އަދި ފުޓްބޯޅައިގެ ބަޔެއް ތަޖްރިބާކާރުންވެސް އެބަބުނޭ މިހާރު މިހުރި ކޯޗާއި އެސިސްޓެންޓް ކޯޗުން ބަދަލުކުރަން ޖެހޭނެޔޭ. އަސްއަދު މިކަމާމެދު ބުނަނީ ކީކޭތަ؟ އަސްއަދު: ތެދުތެދަށް ބުނަންޏާ ކުޅުންތެރިޔަކަށް ނުބުނެވޭނެ ކޯޗު ބަދަލުކުރާށެކޭ. ހަމަގައިމުވެސް އަހަރެން ނުބުނާނަން ކޯޗު ބަދަލުކޮށްފައި އެހެން ކޯޗަކު ގެންނާކަށް. ކުޅުންތެރިންނަކަށް ނޭނގޭނެ ހުންނަންޖެހޭ ކޯޗެއް. ކުޅުންތެރިން ބޭނުންމީހަކު ނޫން އެމަގާމުގައި ހުންނަންޖެހޭނީ. ކޮންމެ މީހަކު ކޯޗަކަށް ހުއްޓަސް ކުޅުންތެރިން ޖެހޭނެ އެމީހެއްގެ ބަސް އަހަން. އޭނައަށް އިޙްތިރާމް ކުރަންޖެހޭނެ. ޕްރޮފެޝަނަލް ކުޅުންތެރިން ކަންތައްކުރާނީ އެގޮތަށް. ދުނިޔޭގެ ފެންވަރުގައި ނުލާހިކު މަޝްހޫރު ކުޅުންތެރިން އެބަހުރި ޓީމުން ބާކީކޮށްފައި. ކޯޗު ނިންމާ ނިންމުންތަކަށް ކުޅުންތެރިން ބޯލަބަންޖެހޭނެ. ކޮންމެ މީހަކު ކޯޗަކަށް ހުއްޓަސް ޕްރޮފެޝަނަލް ކުޅުންތެރިޔަކު ވިއްޔާ އެނޫންގޮތަކަށް އަމަލެއް ނުކުރާނެ. ކުޅުންތެރިން ބުނާމީހަކު ކޯޗަކަށް ބެހެއްޓުމުގެ ބަދަލުގައި ކޯޗަށް އެނގޭނެ ބަހައްޓާނެ ކުޅުންތެރިން. ކޯޗަކީ ކުޅުންތެރިންގެ ވެރިޔާކަން ހަނދާން ބަހައްޓަންޖެހޭނެ. އެކަމަކު ކޯޗިންގ ސައިޑުންވިޔަސް އަދި ކުޅުންތެރިން ސައިޑުން ވިޔަސް ނޫނީ މެނޭޖްމެންޓް ސައިޑުން ނަމަވެސް ކަމެއް ގޯސްކޮށްދަންޏާ އެކަމެއް ބަލައި ދިރާސާ ކުރާނެ ބަޔަކު ތިބެންޖެހޭނެ. ކޯޗުން ބަދަލުކުރުމާއި ކޯޗުން ގެނެއުމުގެ ކަންތައް މިބުނި މީހުންކުރާނެ. އެކަންކުރާނެ ބަޔަކު ތިބޭނެ. އަހަރެމެންނާ (ކުޅުންތެރިންނާ) އެކަން ކުރައްނުޖައްސާ. އެކިކޯޗުންގެ ޚިޔާލު ތަފާތުވާނެ. އަހަރެންނަކީ ވަރަށްގިނަ ކޯޗުންގެ ކައިރީގައި މަސައްކަތް ކޮށްފައިވާ މީހެއް. ކޮންމެ ކޯޗަކީވެސް ތަފާތު ވިސްނުމެއް ގެންގުޅޭ މީހެއް. މިހާރު މިހުރި ކޯޗަކީ ރަނގަޅު ކޯޗެއް. ކޯޗެއްގެ ގޮތުގައި އޭނަ ގޯހެއްނޫން. މިކޯޗު އެބަހުރި ކާމިޔާބުވެސް ހޯދާދީފައި. 2003 ވަނަ އަހަރު ހަމަމިކޯޗު ކާމިޔާބު ހޯދައިދިނީ. އެހެންވީމާ ދެރަ ކޯޗެކޭ ބުނެވޭކަށްނެތް. މިހާރު މިކޯޗަށް ރަނގަޅު ނަތީޖާތަކެއް ނުނެރިވިގެން އުޅެނީ ކީއްވެގެންތޯ ބެލުން ފުރަތަމަ ކަމަކީ. ބައިވަރު މައްސަލަތަކެއް ހުރެގެން މިހެން މިވަނީ. އެންމެބޮޑު މައްސަލައަކީ އަހަރެންނަށް ހީވާގޮތުގައި ކުޅުންތެރިންގެ އެކުވެރިކަން ނެތުން. އެނޫން މައްސަލަތައްވެސް ހުންނާނެ. ކޯޗު ބޭނުންވާ ކަންތައްވެސް ކޮށްދޭން އެބަޖެހޭ.. ރާއްޖެ ކުޅިވަރު: ކުޅުންތެރިންގެ މެދުގައި މައްސަލަތައް ޖެހެން މެދުވެރިވި ސަބަބެއް ކަމުގައި އަޑުއެހިން ކެޕްޓަން ބޭންޑާއި ވައިސްކެޕްޓަންކަން ވަކިބަޔަކަށް ދިނުން. އެކަހަލަ މައްސަލައެއް ޓީމުގެ ތެރޭގައި އެބައުޅޭތަ؟ އަސްއަދު: ތިޔަބުނި ކަންތަކާ ދޭތެރޭގައިވެސް ހިތްހަމަނުޖެހުން އުޅުނުކަން އަހަރެންނަށް އެނގިފައި އޮތީ. އެކަމަކު އެއްވެސް ކުޅުންތެރިޔަކު ސީދާ އަހަރެންގެ ކައިރީގައި އެކަހަލަ ޝަކުވާއެއް ކޮށްފައެއްވެސްނެތް. އަދި އެކަމާމެދު ވާހަކަ ދައްކާފައިވެސްނެތް. ދެން އަހަރެން ބުނަން އޮތް ވާހަކައަކީ އަހަރެންނަކީ ކެޕްޓަންކަން ކުރެވޭނެ ފެންވަރުގެ މީހެއްނޫންކަމަށް ހަމައެކަނި ބުނުމަކީ ރަނގަޅުކަމެއްނޫނޭ. ހަމައެކަނި އެހެންބުނާނަމަ އަހަރެންނަށްވެސް އަސަރުކުރާނެ. އަހަރެންނަކީ ދުވަހަކުވެސް ކެޕްޓަން ބޭންޑް ފަހަތުން ދުވިމީހެއްނޫން. އެކަމަކު ކެޕްޓަންކަމަކީ އަހަރެންނަށް ނުކުރެވޭނެކަމެއްކަން ޕްރޫޕް ކޮށްދީފިނަމަ އަހަރެން ގަބޫލުކުރާނަން އެކަން. އަހަރެން ދުވަހަކުވެސް ނޯންނާނެ ކުޅުންތެރިޔެއްގެ ކައިރީގައިވެސް އަދި އޮފިޝަލެއްގެ ކައިރީގައިވެސް އަހަރެންނަށް ކެޕްޓަންކަން ހޯދައިދޭން ބާރެއް އަޅާލައްޗޭ ބުނެފައެއް. ނޫނީ ވޯޓަކަށް ގޮސްފިނަމަ އަހަރެންނަށް ވޯޓެއް ދޭށެކޭވެސް ބުނަފައެއް. އަހަރެންގެ ވާހަކައަކީ ކެޕްޓަން ބޭންޑް ބަދަލުކޮށްގެން ރަނގަޅުވާނަމަ އެކަންވެސް ކުރާށޭ. އަހަރެންގެ އަތުން ކެޕްޓަންކަން އަތުލިޔަސް ނޫނީ ޓީމަށް ނޭރުވިޔަސް އަހަރެން ގަބޫލުކުރާނަން އަހަރެންގެ އެފެންވަރު ނެތީމަކަން އެބަދަލު ގެނައީ. މައްސަލަ ނުހުންނާނެ ޓީމެއް ނޯންނާނެ. ދިމާވާ ކޮންމެ ކަމަކީ މާބޮޑު މައްސަލައަކަށް ހަދައިގެން ކަމަކުނުދާނެ. އަހަރެމެން މިނުކުންނަނީ ގައުމީ ޖާޒީ ލައިގެން. ގައުމީ ދިދަ ޖާޒީގައި ޖަހައިގެން. ގައުމީ ލަވަޔެއް ކިޔައިގެން. އެހެންވިއްޔާ އެނގެންޖެހޭނެ އަހަރެމެން ނުކުންނަނީ ކީއްކުރަންކަންވެސް. ކޯޗުންނަށްވެސް ގޯސްހެދޭނެ. ކުޅުންތެރިން ނަށްވެސް ގޯސްހެދޭނެ. ސަޕޯޓަރުންނަށްވެސް ގޯސްހެދޭނެ. ކޮންމެ މީހަކީ ވެރިޔަކަށްވެސް ނުވާނެ. ކުޅުންތެރިންވެސް އެކަން ގަބޫލު ކުރަންޖެހޭނެ. އެއްކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ވަރަށްބޮޑަށް އިޙްތިރާމްކޮށްގެން މިކަންކުރެވޭނީ. ޓީމުގައި ދުވަސްވީ ކުޅުންތެރިންޖެހޭނެ އަލަށް ޓީމަށް އަންނަ ކުޅުންތެރިޔާއަށްވެސް އިޙްތިރާމް ކުރަން. މިއީ ދިވެހި ރައްޔިތުންގެ އެއްޗެއް. ރާއްޖެ ކުޅިވަރު: އަސްއަދު ތިޔަބުނަނީ ގައުމީޓީމުގެ ކަންކަން ގޯހުން ގޯހަށް ދިޔުމުގައި ކުޅުންތެރިންގެ މައްސަލަތައްވެސް ވަރަށްބޮޑަށް އެބައުޅެޔޭތަ؟ އަސްއަދު: ގައުމީޓިމަށްވެސް މިއޮތީ ދިވެހި މާހައުލަށް އައި ހަލަބޮލިކަން އައިސްފައި. އެކަމަކު މިއީ ވެގެންވާނެ ގޮތެއްނޫން. ގައުމީ މިއެކުވެރިކަންމަތީ ތިބެގެން ކުރީމެ ސަލާމް ކިޔާފައި އަހަރެމެން ދަނޑަށް އަރަނީ. އެކަމަކު ގައުމީ އެކުވެރިކަމެއް ކުޅުންތެރިންގެ ކިބައިގައި ނެތި ކިހިނެތް ކާމިޔާބު ހޯދާނީ. ލަވައިގައި އެބުނާ ކަންތައްވެސް ދައްކައިދޭންޖެހޭނެ ދަނޑުމަތިން. ގައިން ހީބިހި ނަގައިގެން ދާންޖެހޭނެ. މިއީ އާއިލާއެއްކަން ހަނދާންކުރަން ޖެހޭނެ. ކޮންމެ ކުޅުންތެރިޔަކުވެސް ރީތިބަހުން އަނެއް ކުޅުންތެރިޔާއާ ވާހަކަ ދައްކަންޖެހޭނެ. ކަމެއްވާއިރަށް އޭތި ހަލަބޮލިކޮށްލަން ކުޅުންތެރިންވެސް އުޅެގެން ނުވާނެ. އޭތި ރޫޅާލަން އުޅެގެންނުވާނެ. ކުޅުންތެރިންނަށްވެސް ރަނގަޅުގޮތް އެނގެންޖެހޭނެ. ގައުމީޓީމުގައި ކުޑަކުދިންނެއް ނޫޅޭނެ. ބޮޑެތި މީހުން މުޅިންވެސް އުޅޭނީ. ކުޅުންތެރިންގެ ވިސްނުން މިހާރުހުރި ގޮތް ބަދަލުކޮށްގެންނޫނީ ކާމިޔާބެއް ނުހޯދޭނެ. ސިކުނޑި ބަދަލުކުރަންޖެހޭނީ. ހުރިހާ މީހުން ފުރަތަމަ 11 އަކަށްވެސް ނާރާނެ. މިކަންކުރަން ގައުމީޓީމަށް އެހެން ބަޔަކު އަޔަސް ކުޅުންތެރިންގެ މެދުގައި މިހާރު އުޅޭ އަމިއްލަ މައްސަލަތައް ނައްތާލައި ކުޅުންތެރިންގެ މެދުގައި އެކުވެރިކަން ނެތްނަމަ ކާމިޔާބު ހޯދުމަކީ ކުރެވޭނެކަމެއްނޫން. އެއީ އަހަރެން ބުނަންއޮތް ވާހަކައަކީ. ރާއްޖެ ކުޅިވަރު: ގައުމީޓީމުގެ ކެޕްޓަނަށްވެހުރެ އަދި ކުޅުންތެރިޔަކަށްވެހުރެ އަސްއަދު ތަކުރާރުކޮށް ބުނަމުން ތިޔަދަނީ ކުޅުންތެރިންގެ ޑިސިޕްލިންގއާ ގުޅިފައިވާ ވާހަކަތަކެއް. ކުޅުންތެރިންގެ ޑިސިޕްލިންގ ހަގީގަތުގައިވެސް ގޯހީތަ؟ އަސްއަދު: އިޙްތިރާމް ނުކުރުމަކީވެސް ޑިސިޕްލިންގ ގޯސްވުން. އެކުވެރިކަމެއް ނެތުމަކީވެސް ޑިސިޕްލިންގ ގޯސްވުން. ހަގީގަތަށް ބުނާނަމަ ބުނެވޭނީ ގައުމީޓީމުގެ ޑިސިޕްލިންގއެއްނެތޭ. ހުރިހާވެސް މައްސައަކީ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމެއްނެތުން. ކުޅުންތެރިން ބައިބައިވުން. މިހިސާބަށް ކުޅުންތެރިންގެ ކަންތައް މިދިޔައީ ގައުމީޓީމާބެހޭ ހަރުދަނާ ގަވައިދެއް ހެދިފައި ނެތުމުން. ގަވައިދެއް އޮންނަންޖެހޭނެ. އެގަވައިދުގައި ބުނެފައި އޮންނަންޖެހޭނެ ކުޅުންތެރިންނަށް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް. ކުޅުންތެރިންގެ ސައިޒް ކުޅުންތެރިންނަށް އެނގެންޖެހޭނެ. އަހަރެން ބުނަންއޮތް ވާހަކައަކީ އެއްވެސް ކުޅުންތެރިޔަކު މަގުމަތިން ފެންނަ ކަންތައްތައް ޓީމުގެ ތެރެއަށް ނުވައްދާށޭ. ކޮންމެ ކުޅުންތެރިޔަކުވެސް އަމިއްލަ ނަފްސަށް ތެދުވެރިވާށޭ. އަދި ގައުމަށް ތެދުވެރިވާށޭ. އެންމެން އެއްޖާޒީއެއް ލައިގެން އެއްލަވަޔެއް ކިޔާފައި މިއަރަނީ އަމިއްލަ ކަމަކުނޫނޭ. ގައުމަށްޓަކައި މިނުކުންނަނީ. ގައުމީޓީމުގެ ކަންކަމަށް ފާޑުވެސް ކިޔާނެ. ފާޑު ކިޔަންވެސް ޖެހޭނެ. ރާއްޖޭގައި އެބަތިބި ފުޓްބޯޅައިގެ ކަންކަން އެނގޭ މީހުން. އެހުރިހާ މީހުންވެސް މީތި ގޯސްކޮށްނުލައި މީތި ރަނގަޅު ކުރަން މަސައްކަތް ކުރާށޭ އަހަރެން ބުނަންއޮތީ. އަހަރެން ވަރަށް ދެރަވޭ ގައުމީޓީމުގެ ޙާލަތު މިހިސާބަށް ދިޔުމުން. ހުރިހާ މީހުންވެސް އަމިއްލަ މަސްލަހަތު ފަހަތަށް ޖައްސައިގެން މީތި ރަނގަޅު ކުރަންވީ. އެކަމަކު މިހާރު ގިނަމީހުން ފާޑު ކިޔަނީވެސް އަދި ގޮތް ކިޔަނީވެސް މީތި ހަލާކުކޮށްލަންވެގެން. ފާޑު ނުކިޔަސް އެއީ މައްސަލައެއް. މިވަގުތު އަހަރެމެން ނުވިސްނައި އަޅާ އެންމެ ފިޔަވަޅެއްގެ ސަބަބުންވެސް މީތި އިތުރަށް ބޮއްސުންލައިފާނެ. އަހަރެމެންނަށްވުރެ ފަހުން އަންނަ ޖީލަށްވެސް އަހަރެމެން ނަމޫނާ ބަޔަކަށްވާންޖެހޭނެ. މީތި ގޯސްނުކޮށް ރަނގަޅުކުރަން އެންމެންވެސް މަސައްކަތް ކުރަންވީ. އެކަމަކު ހައްތަހާވެސް މިފެންނަނީ ގޯސްވާތަން. މިހާރު މިއޮތީ ވަޅުން ފެންވެރި ޒަމާން އައިސްފައި. ދާނިން ފެންނަގަން ގުދުވާ ކޮންމެ މީހެއްގެ ފޫކޮޅުގައި އަޅާފައި ކޮއްޕާ ވަޅަށް ވައްޓާލެވޭތޯ ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ. އެވަރުންނުވިއްޔާ ވަޅަށް ވެއްޓުނީމަ ވަޅުގެ މަތިޖަހާފައި ފިލަން ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ. އޭގެބަދަލުގައި އެކަކުވެސް ވަޅަށް ވެއްޓުނަނުދީ ވޭތޯ އެންމެންވެސް މަސައްކަތް ކުރަންވީ. ރާއްޖެ ކުޅިވަރު: ވަރަށްބޮޑަށް ޝުކުރިއްޔާ ގައުމީޓީމުގެ ކެޕްޓަންގެ ޙައިސިއްޔަތުން އަސްއަދު އިންޓަވިއުއެއް ދިނީތީ.... އަސްއަދު: ޝުކުރިއްޔާ. އަހަރެންވެސް އުންމީދު ކުރަން އަހަރެން ދެއްކި ވާހަކައިން ބަޔަކަށް އިބްރަތެއް ޙާސިލްވާނެކަމަށް. އަހަރެންވެސް ވަރަށްބޮޑަށް ވިސްނާކަމެއް ގައުމީޓީމުގެ ކަންކަމަކީ.
|
||||||||||