ކިޔުންތެރިނަށް ޝުކުރިއްޔާ
 

ދިވެހި ކުޅިވަރުގެ ލީޑަރުގެ ގޮތުގައި މިނޫސް ބައްލަވާށެވެ.

 

    ރާއްޖެ ކުޅިވަރު ނޫހުގެ ކިޔުންތެރިން މިނޫހާ ދޭތެރޭގައި ބަހައްޓަވާ ގާތްކަމާއި ކުރައްވާ އިތުބާރާއި ދެއްވަމުން ގެންދަވާ ތަރުޙީބަށްޓަކައި ފުރަތަމަވެސް ޝުކުރުވެރިވަމެވެ. މިވީދުވަސްކޮޅުގެ ތެރޭގައި ކިޔުންތެރިންގެ ފަރާތުން އަޅުގަނޑުމެން ހީނުކުރާވަރުގެ ތަރުޙީބެއްވަނީ ލިބިފައެވެ. ކިޔުންތެރިންގެ އަދަދު ހީނުކުރާވަރަށް އިތުރުވެގެން ހިނގައްޖެއެވެ. އަދި ކުރިމަގުގައި މިނޫހުގެ ކިޔުންތެރިންގެ އަދަދު މިހާރަށްވުރެވެސް އެތައް ގުނައެއް މައްޗަށްދާނެކަމީ ގަބޫލުކުރަންޖެހޭ ކަމެކެވެ. ފާހަގަ ކޮށްލަން މިއުޅެނީ މިނޫހަށް ވަންނަވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް މަށްޗަށްދާ ވާހަކަ އެކަންޏެއްނޫނެވެ. ނޫހުގެ ކިޔުންތެރިންގެ ޚިޔާލުތައްވެސް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ލިބެމުންދެއެވެ.

     މިނޫސް އެންމެ ފުރަތަމަ ޝާއިއު ކުރަންފެށިއިރު ޓެކްނިކަލް މައްސަލަތަކާއި ލޭއައުޓްގައިވެސް ތަފާތުތަކެއް ހުއްޓެވެ. ނަމަވެސް އެހުރިހާކަމެއް އަޅުގަނޑުމެން މިހާރު ބަދަލުކޮށްފައި މިވަނީ ކިޔުންތެރިންގެ ޚިޔާލުގެ މައްޗަށް ބިނާކޮށެވެ. މިނޫސް އަބަދުވެސް އޮންނާނީ ކިޔުންތެރިން ބޭނުންވާ ބައްޓަމަށެވެ. ކިޔުންތެރިން ބޭނުންވާ ހެދުން ލައިގެންނެވެ.

     ރާއްޖެ ކުޅިވަރު ނޫހުގެ ޚިދުމަތް އަޅުގަނޑު ދޭންމިފެށީ އަޅުގަނޑުގެ ނޫސްވެރިކަމުގެ 8 އަހަރުގެ މާޒީގެ ތަޖްރިބާތަކުގެ އަލީގައެވެ. މިކަމުގައި އަޅުގަނޑު އެންމެ އުފާވަނީ ކުޅިވަރު ކުލަބުތަކާއި ކުޅުންތެރިންނާއި ކުޅިވަރު ހިންގަވާ ބޭފުޅުންނަށް މިނޫހަކީ ވަރަށް ކަމުދިޔަ ނޫހަކަށް ވުމެވެ. އަދި ކޮންމެ ކިޔުންތެރިޔެއްގެވެސް އަދި ކޮންމެ ރައްޓެއްސެގެވެސް ދުލުން "ރާއްޖެ ކުޅިވަރު ނޫސް ވަރަށްބަރާބަރު" ކަމުގައި ބުނާ އަޑު ވަރަށްގިނައިން އިވެމުންދާތީއެވެ. އަދި އަޅުގަނޑަށް އެލިބޭ އުފަލަށް ހަގީގީ ހިނިތުންވުން އަންނަނީ "އަދިވެސް ރަނގަޅުކޮށްލަންވީ ކަންތައް އެބަހުއްޓޭ" ކިޔައި އެބޭފުޅުން ދެއްވާ ކޮމެންޓުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ކުއްލިއަކަށް އަޅުގަނޑުގެ ހަނދާނަށް އައީ މިނޫސް އެންމެ ފުރަތަމަ ޝާއިއު ކުރަންފެށި ދުވަސް (1 ސެޕްޓެމްބަރ 2007) މަތިންނެވެ. އެދުވަހު އަޅުގަނޑުގެ ރައްޓެއްސަކަށް އެސްއެމްއެސްގެ ޒަރީއާއިން ނޫހުގެ އެޑްރެސް ފޮނުވާލުމުން އޭނާ ނޫސް ބަލާފައި ފޮނުވާލި މެސެޖުގެ މަތިންނެވެ. "ހާދަހާ ކަނޑައޭ" އޭނާގެ މެސެޖުގައި އޮތީ އެހެންނެވެ. އަޅުގަނޑު ޖަވާބުގައި "އަދި ފަހުން ރަނގަޅުވާނެ" ކަމުގައިލިޔެ ރިޕްލައިކޮށްލީމެވެ. އޭނާގެ މެސެޖު ވެގެންދިޔައީ ހަގީގަތުގައި އަޅުގަނޑު މާޔޫސްކުރުވި މެސެޖެކަށްނޫނެވެ. ފަހަރުގައި އޭނާ އެގޮތަށް ލިޔެފައި އެމެސެޖު ފޮނުވީ އަޅުގަނޑު މާޔޫސްކޮށްލުމުގެ ނިޔަތުގައި ކަމަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އަޅުގަނޑު އެމެސެޖުގައިވާ ލިޔުންކޮޅު ކިޔާލުމަށްފަހު މާޔޫސްވުމުގެ ބަދަލުގައި ލިބުނީ ވަރަށްބޮޑު ހިތްވަރެކެވެ. އާދަޔާ ޚިލާފު ހިތްވަރެކޭވެސް ދެންނެވިދާނެއެވެ. އެވަގުތު އަޅުގަނޑު ހިތާހިތާ ކިޔާލީމެވެ. "މިނޫސް ޝާއިއުކުރަން މިފެށީ މިއަދު. އެހެންވީމާ އެއްހަފްތާތެރޭގައި ނޫސް މުޅިން ބަދަލުކޮށް އެއްވެސް މީހަކަށް އެހެން ނުބުނެވޭވަރު ހަދާނަން. ހާދަހާ ކަޑައޭ ބުނުމުގެ ބަދަލުގައި ވަރަށް ފުރިހަމަ ނުވަތަ ވަރަށް ސަޅި ކަމުގައި ބުނާވަރު ހަދާނަން" މިހެންނެވެ.

     ބަރާބަރު އެއްހަފްތާފަހުން އަޅުގަނޑުގެ މަސައްކަތް ކާމިޔާބު ކުރީމެވެ. ނަމަވެސް ކިޔުންތެރިންގެ އެހީއާއެކުގައެވެ. އޭގެފަހުން އަޅުގަނޑުގެ ކައިރީގައިވެސް އެތައްބަޔަކުވަނީ މިނޫސް ވަރަށް ރަނގަޅު ކަމުގައި ބުނެފައެވެ. އަދި ނުދަންނަ އެތައްބަޔަކު އަޅުގަނޑުގެ ފޯނަށް އެތަކެއް ފަހަރު އެސްއެމްއެސް ފޮނުވާފައި ވެއެވެ. އެއިން ކޮންމެ އެސްއެމްއެސްއެއްގައިވެސް "ވެރީގުޑް. ނޫނީ ބެސްޓް. ނުވަތަ ވަރަށް ބަރާބަރު" މިހެން ލިޔެފައިވާކަން ފާހަގަ ކޮށްލަމެވެ. ރާއްޖެއިން ބޭރުގައިތިބޭ ބައެއް ބޭފުޅުންވެސް އަޅުގަނޑަށް އެއިބާރާތުން އެސްއެމްއެސް ކޮށްފައި އެބަހުއްޓެވެ. އަދި އީމެއިލްވެސް ކޮށްފައި ވެއެވެ.

     ދުވަހު ނޫހެއްގެ ގޮތުގައި ރަޖިސްޓްރީކޮށް މިނޫސް ނެރެނީ ކީއްވެހޭ ސުވާލު އުފެދިދާނެއެވެ. ދަންނަވަންތޯއެވެ. މިޒަމާނަކީ އިންޓަނެޓް މެދުވެރިކޮށް ގިނަބަޔަކު ނޫސްކިޔައި ތަފާތު މައުލޫމާތު ހޯދާ ޒަމާނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައިވެސް ޕްރިންޓް ނޫސް ކިޔާމީހުންނަށްވުރެ އިންޓަނެޓުން ނޫސްތައްކިޔާ މީހުން މަދެއްނޫނެވެ. ފަހަރުގައި މިހާރު ގިނައީ އިންޓަނެޓުން ނޫސްތައް ކިޔާ މީހުންނަށްވެސް ވެދާނެއެވެ. އެހެންކަމުން މިއީ އެންމެ ރަނގަޅު ގޮތްކަމުގައި އަޅުގަނޑުމެންނަށް ގަބޫލު ކުރެވެއެވެ.

     އަޅުގަނޑު މިނޫހުގެ ކިޔުންތެރިންނަށް މިދަނޑިވަޅުގައި ޔަގީންކަމެއް އަރުވާނަމެވެ. ރާއްޖެ ކުޅިވަރު ނޫހަކީ ދިވެހި ކުޅިވަރުގެ ލީޑަރުގެ ގޮތުގައި ބައްލަވާށެވެ. ދިވެހި ކުޅިވަރުގެ ލީޑަރެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިދާނެއެވެ. އަޅުގަނޑުގެ ލިޔުންތަކަށް ތަރުޙީބު ދެއްވާ ބޭފުޅުން އެކަންގަބޫލު ކުރައްވާނެ ކަމުގައިވެސް ހީކުރަމެވެ. އަޅުގަނޑުމެންގެ އަޒުމަކީ ދިވެހި ކުޅިވަރުގެ ޚަބަރުތަކުގެ އިތުރުން އެހެން ކަންތައްވެސް އެންމެ ތާޒާކަންމަތީގައި އަދި އެންމެ ރަނގަޅަށް ގެނެސްދޭ ނޫހުގެ ގޮތުގައި މިނޫސް ހެދުމެވެ. "އާފަތިސް" ނޫހުން އަޅުގަނޑުގެ އާޓިކަލްތައް މީގެކުރިން ކިޔުއްވި ބޭފުޅުންނާއި "މިއަދު" ނޫހުން މިހާރުވެސް ކިޔުއްވަމުން ގެންދަވާ ބޭފުޅުންނަށް "ރާއްޖެ ކުޅިވަރު" ނޫސް ވެގެންދާނީ ތަފާތު ރަހަތަކެއް ގެނެސްދޭނެ ނޫހަކަށެވެ. މިނޫހަކީ ހަމައެކަނި ދިވެހި ކުޅިވަރުގެ ނޫހެކެވެ. ސިޔާސީ ވާހަކައެއް ނުހުންނާނެއެވެ. ލޯކަލް ޚަބަރުތަކެއްވެސް ނުހުންނާނެއެވެ. ހަމައެކަނި ކުޅިވަރެވެ. ވަކިކުޅިވަރެއްނޫނެވެ. ހުރިހާ ކުޅިވަރެކެވެ.

     މިފުރުޞަތުގައި މިނޫހަށް އެކިގޮތްގޮތުން ހިއްވަރު ދެއްވާ އެންމެހާ ފަރާތްތަކަށް ހިތުގެ އެންމެ އިޚްލާސްތެރި ޝުކުރު އަރިސްކުރަމެވެ. އަދި މިނޫހަށް އެކިގޮތްގޮތުން އެހީވަމުން ގެންދަވާ ފަރާތްތަކަށް ވެސް ހިތުގެ އެންމެ ފުނުން ޝުކުރުވެރިކަމާއެކު ޝުކުރިއްޔާއޭ ދަންނަވަމެވެ. ދިވެހި ކުޅިވަރުގެ ލީޑަރުގެ ގޮތުގައި އަޅުގަނޑުމެންނަށް އޮވެވޭނީ މިދެންނެވި ހުރިހާ ފަރާތްތަކެއްގެ ހިތްވަރާއި އެހީތެރި ކަމާއި އަޅުގަނޑުމެންގެ ހިތްވަރު ގުޅިގެންނެވެ.

                     ޝުކުރިއްޔާ

                                           ޖައުފަރު ރަޝީދު (ޖޯރޭ)

އެޑިޓަރ