HOME    

އިމްރާނާއި ޓިމޯއަށް ބިރެއް!

09 ނޮވެމްބަރ 2008

އިސްމާއީލް ހައިބަތު

       އިބްރާހީމް އިފްރާޙް އަރީފް ނުވަތަ އިފްރާ މާޒިޔާގެ ގޯލުން ފެނިގެންދިޔަތާ މާގިނަދުވަހެއް ނުވެއެވެ. އޭނާގެ ފަރާތުން ރަނގަޅު ހުނަރުތަކެއް ބެލުންތެރިންނަށް ފެނިގެންދިޔައެވެ. 23 އަހަރުން ދަށުގެ ގައުމީޓީމުގެ 1 ނަންބަރު ކީޕަރުކަން އޭނާ ކުރިމެޗުތަކުގައިވެސް ފެނުނީ ރަނގަޅު ކުޅުމެކެވެ. އެއަށްފަހު ސީނިއަރ ގައުމީޓީމާއެކު އޭނާ ހާދަކުރީވެސް ހަގީގަތުގައި އުފާވެރި ދުވަސްތަކެކެވެ. ނަމަވެސް ތަޖްރިބާ މަދުކަމާއި ޅަކަމުން އޭނާއަށް އިމްރާނާއި ޓިމޯ ވައްޓާލެވޭގޮތް ނުވީއެވެ.

     އިފްރާ މާޒިޔާއަށް ކުޅުނުއިރުވެސް ގިނަބަޔަކު އޭނާއާމެދު އުންމީދުތަކެއް ކުރިއެވެ. ގޯލްކީޕަރުންގެ މައްސަލަ ކުރިމަތިވެފައިވާ ރާއްޖޭގެ ކީޕަރުންގެ ތެރޭގައި ހުރި ޒުވާން އިފްރާއާމެދު އުންމީދުކުރި މީހުން އުންމީދު ކުރީ ގައުމީ ވިސްނުމެއްގައެވެ. ކުލަބް ވިސްނުމުގައެއްނޫނެވެ. އެވިސްނުން ގެންގުޅުނު ބަޔެއް މީހުން ދެކޭގޮތުގައި މިހާރު އިމްރާން ފުރަމުން އަންނަ މަގާމު ދެން ފުރާނީ އިފްރާއެވެ. ނުވަތަ އެފެންވަރުގެ ކީޕަރަކަށް އޭނާއަށް ވެވިދާނެއެވެ. ނަމަވެސް އެވިސްނުން އޭރު ގެންގުޅުނު މީހުން އޭރުވެސް ޝަރުތެއް މެދުވެރި ކުރިއެވެ. އޭގެތެރޭގައި މާޒިޔާ ދޫކޮށްލުންވެސް ހިމެނެއެވެ. އަދި ރާއްޖޭގެ ބޮޑު ކުލަބަކަށް ބަދަލުވުންވެސް ހިމެނެއެވެ. އެހުރިހާކަމެއް މިހާރު އިފްރާ އެވަނީ ކޮށްފައެވެ. މާޒިޔާ ދޫކޮށްލައިފިއެވެ. ބޮޑު ކުލަބެއް ކަމުގައިވާ ނިއުރޭޑިއަންޓަށް ބަދަލުވެސް ވެއްޖެއެވެ. ދެން އޮތީ އެބުނާ އިފްރާ އަހަރެމެންނާ ބައްދަލު ކުރުމެވެ.

     އިފްރާވެސް އަދި ކުލަބުތަކުންވެސް އަދި ބެލުންތެރިންވެސް ބުނަނީ އިފްރާ އެގަނައީ ރަނގަޅު ބަދަލެއް ކަމަށެވެ. އިފްރާ ހުރީ ބަދަލަކަށް ބޭނުންވެފައެވެ. އެހެން ކުޅުންތެރިޔަކަށް ބަދަލުވުމަށް ޓަކައެވެ. ގިނަބަޔަކު ދެކޭގޮތުގައި ދެން އޮތީ އިފްރާގެ ދުވަސްތަކެވެ. އިމްރާނާއި ޓިމޯއަށް އިފްރާގެ ނުރައްކާ ދެން ބޮޑުވާނެއެވެ. އުމުރުން ހަނގު ކުޅުންތެރިޔަކަށް ވުމާއެކުވެސް މެއެވެ. މިކަމުގައި އިފްރާގެ އަޒުމެއްވެސް އެބައޮތެވެ. އޭނާ ބުނެފައިވަނީ ބަދަލެއް ނުގެނެސް އޭނާ ދެކެން ބޭނުންވާ ދުވަސް ގެނެވެން ނެތްކަމަށެވެ. އެހެންވެ މިފަހަރު ބަދަލު ގެނައީއެވެ.

     2009 ވަނަ އަހަރުގެ ސީޒަނުގައި އިފްރާވެސް އެންމެބޮޑަށް ވާދަކުރާނެ ކަމަށް ބެލެވެނީ އިމްރާނާއި ޓިމޯއަށެވެ. ސަބަބަކީ އިމްރާނަކީ ގައުމީޓީމުގެ 1 ނަންބަރު ކީޕަރަށް ވެފައި ޓިމޯއަކީ ގައުމީޓީމުގެ 2 ނަންބަރު ކީޕަރަށް ވެފައި އިފްރާއަކީ ގައުމީޓީމުގެ 3 ނަންބަރު ކީޕަރަށްވުމެވެ. ބަޔެއް މީހުން ދެކޭގޮތުގައި އޭނާއަށް 3 ން 1 ށް ވެސް ބަދަލު ނުވެވޭންވީ ސަބަބެއްނެތެވެ.