|
ވިކްޓްރީއާއެކު 2009 ށް އިއްސޭ 29 ސެޕްޓެމްބަރ 2008 އިސްމާއީލް ހައިބަތު އިސްމާއީލް މުޙައްމަދު (އިއްސޭ) އަންނަ އަހަރުވެސް ފެންނާނީ ވިކްޓްރީގެ ރަތް ޖާޒީގައެވެ. އޭނާގެ އުދަނގޫ އަންނަ އަހަރުވެސް ފޯރާނީ ވިކްޓްރީ ނޫން އެހެން ޓީމުތަކަށެވެ. އޭނާއަކީ މިހާރު ވިކްޓްރީއަށް ސޮއިކޮށްގެން ހުރި ރަތް ކުޅުންތެރިޔެކެވެ. އިއްސޭއަކީ ވިކްޓްރީގެ އިތުރުން އެހެން ކުލަބު ތަކުންވެސް ވަރަށްބޮޑަށް ބޭނުންވި ކުޅުންތެރިޔެކެވެ. އެހެންވެ ވިކްޓްރީން އޭނާ ހުއްޓުވީ މިއަހަރު ދިން މުސާރައަށްވުރެވެސް ބޮޑު މުސާރައިގައެވެ. އެހެންވެ ބުނެވޭނީ ވިކްޓްރީން މިފަހަރުވެސް އެކުރީ ވަރަށް ރަނގަޅު ވިޔަފާރިއެއް ކަމަށެވެ. އިއްސޭ މިއަހަރު ދެއްކި ކުޅުމަށް އެއްޗެއް ބުނާނަމަ ބުނެވޭނީ އިއްސޭއަކީ މިއަހަރު އެންމެ ރަނގަޅަށް ކުޅުނު އެކަކު ކަމަށެވެ. ބަޔެއް މެޗުތަކުގައި އޭނާ ވަނީ އާދަޔާ ޚިލާފް މަންޒަރުތަކެއްވެސް ދައްކުވައިފައެވެ. ވިކްޓްރީގެ ރަތް ޖާޒީގައި މޮޅު ކުޅުމެއް ދެއްކުމުގެ އިތުރުން މިއަހަރު ރާއްޖެ އާއި ލަންކާގައި އޮތް ސާފްޗެމްޕިއަންޝިޕްގެ ރަންމެޑަލް ރާއްޖެ ހޯދިއިރު އިންޑިޔާ އާއި ސްރީލަންކާ އަދި ޕާކިސްތާނާއި ނޭޕާލަށްވެސް ދިވެހި އެންމެބޮޑަށް އުދަނގޫކުރި އެކަކީ އިއްސޭއެވެ. އެހެންވެ ޙަގީގަތުގައިވެސް މިއަހަރުގެ ސީޒަން ނިމުނުއިރު އެންމެ ޑިމާންޑްބޮޑު ކުޅުންތެރިންގެ ތެރޭގައި އިއްސޭ ހުރި ހިމެނިފައެވެ. މިފަހަރު އިއްސޭ އެވަނީ ތަންކޮޅެއް އަވަހަށް ނިންމުން ނިންމައި ވިކްޓްރީއާއެކު 2009 ހޭދަކުރުމަށް އަޒުމް ކަނޑަ އަޅާފައެވެ. ވިކްޓްރީން ދިވެހި ފުޓްބޯޅައިގެ ތެރެއަށް ވިދާލައިގެން ދިޔަ އިއްސޭ ވަނީ ވިކްޓްރީ ނޫން އެހެން ކުލަބުތަކަށްވެސް ޚިދުމަތް ކޮށްދީފައެވެ. އައިލެންޑް ފުޓްބޯލް ކުލަބް (އައިއެފްސީ) އާއި ވީބީ ސްޕޯޓްސް ކުލަބްގައިވެސް އޭނާގެ ޚިދުމަތް ފެނުނީ ވަރަށް ބަރާބަރަށެވެ. ފުޓްބޯޅައިގައި އަޚްލާގް ރަނގަޅު އިއްސޭއަކީ ގިނަދުވަސް ތަކަކު ކޮލިޓީ ގޯސްނުވެ ހިފަހައްޓަމުން އަންނަ ކުޅުންތެރިޔެކެވެ. އެހެންވެ 2009 ވަނަ އަހަރަށް ވިކްޓްރީ ކުރިމަތިލާއިރުވެސް އެޓީމުގެ އުންމީދުތަކާ އެންމެ ބޮޑަށް ގުޅިފައިވާނެ އެއްކުޅުންތެރިޔަކަށް ހަމަގައިމުވެސް އިއްސޭ ވެގެންދާނެއެވެ. އޭނާއަށް ލިބިފައިވާ ހުނަރާއި ކުޅަދާނަ ކަމަކީ ވިކްޓްރީއަށް 2009 ގައި ރަނގަޅު ކާމިޔާބެއް ހޯދުމުގައި މުހިންމު ރޯލެއް އަދާކުރެވޭނެ އެއްޗެއް ކަމާމެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ.
|
||||||||||