|
ކުޅުންތެރިން ނުކުތީ ދިވެހިލީގަށް ތައްޔާރުވެގެންތަ؟ 26 ޖޫން 2008
ޖައުފަރު ރަޝީދު (ޖޯރޭ) (ވިކްޓްރީގެ ބިދޭސީ ކުޅުންތެރިޔާ ރޮޑްރިގޭސް ބޯޅަ ހިފައިގެންދާއިރު ނިއުރޭޑިއަންޓްގެ މުޙައްމަދު ޝިފާން (ކުޑައްޓޭ) ރޮޑްރިގޭސް ހުއްޓުވަން މަސައްކަތް ކުރަނީ) ސާފްޗެމްޕިއަންޝިޕްގެ ރަންމެޑަލް ދިވެހި ކުޅުންތެރިންގެ ކަރުގައި އެޅިގެންދިޔަތާ އެންމެ 10 ދުވަސް ތެރޭގައި އެކުޅުންތެރިން އެނުކުތީ ރާއްޖޭގެ އެންމެ ޝަރަފްވެރި އަދި އެންމެ ބޮޑު ލީގަށެވެ. ދިރާގު ދިވެހި ލީގަށެވެ. ސާފްޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ނިމުނުތާ 10 ދުވަސް ތެރޭގައި ދިވެހި ކުޅުންތެރިން ލީގަށް ނުކުތްއިރު ތަށި ހިފައިގެން އެކުޅުންތެރިން ރާއްޖެ އައީ 16 ވަނަ ދުވަހުއެވެ. އެދުވަސް ދިޔައީ ސަޕޯޓަރުންނާއެކު އުފާފާޅު ކުރުމުގައެވެ. ލީގު ފެށުމާ ހަމައަށް ފާއިތުވެގެންދިޔަ ކޮންމެ ދުވަހެއްވެސް ވެގެންދިޔައީ އެކުޅުންތެރިން ކޮންމެވެސް ޕާޓީއަކަށް ނުވަތަ ރަސްމިއްޔާތަކަށް ދާންޖެހުނު ދުވަހަކަށެވެ. ސަރުކާރާއި އަމިއްލަ ފަރާތްތަކުން އެކުޅުންތެރިން ހޯދި ކާމިޔާބީ ފާހަގަކޮށް ބޭއްވި ޕާޓީތަކާއި ރަސްމިއްޔާތު ތަކެވެ. އެހެންކަމުން މުޅި ގައުމަށް ލިބިފައި އޮތް ހިނިތުންވުން އެކުޅުންތެރިންނަށް ލިބޭނީ މާބޮޑަށެވެ. ހީވެސް ނުކުރެވޭހާ ބޮޑަށެވެ. މިފަދަ ގޮތަކަށް ކުޅުންތެރިން ތިއްބައި ދެންޖެހުނީ އެކުޅުންތެރިންގެ އަމިއްލަ ކުލަބުގެ ޖާޒީ އަޅައިގެން ރާއްޖޭގެ އެންމެބޮޑު ލީގުގައި ކުލަބަށް ކާމިޔާބު ހޯދައިދިނުމަށް ގަލޮޅު ދަނޑަށް ނުކުންނާށެވެ. ލިބިފައިވާ ވަރުބަލިކަމާއި ބޮޑު އުފަލުގެ މަތިން ކުޑަކޮށްވެސް ހަނދާން ނުނެތެނީސް ލީގަށް ކުޅުންތެރިން ނުކުމެއްޖެއެވެ. އެހެންކަމުން އެކުޅުންތެރިންގެ ފަރާތުންނާއި ގައުމީޓީމަށް ނުކުޅެ ކުލަބާއެކު ފަރިތަކުރަމުންދިޔަ ކުޅުންތެރިންގެ ފަރާތުންވެސް ރާއްޖޭގެ އެންމެބޮޑު ހަތަރު ކުލަބުގެ ކުޅުން ލީގުގައި ފެނުނުއިރު ތަމްސީލް ވެގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. ވާދަވެރިކަމުގެ ރޫޙް ފެނުނީވެސް ތަންކޮޅެއް ކުޑަކޮށެވެ. ދިވެހިލީގުގެ ފޯރި ވަރަށް ގަދަވާނެކަމަށް ކުރިން ބެލެވުނެވެ. އަދި ދިވެހިލީގުގައި ކުޅުންތެރިންގެ ގުޅުމާއި ހުނަރު އެތައް ގުނައެއް މަތިވެގެންދާނެ ކަމުގައި ލަފާ ކުރެވުނެވެ. ނަމަވެސް ލީގުގެ ފުރަތަމަ 2 މެޗާއެކު ވިކްޓްރީ، ނިއުރޭޑިއަންޓް، ވީބީ އަދި ވެލެންސިއާގެ ފަރާތުން ފެނިގެންދިޔަ ކުޅުމަކީ އެކުލަބުތަކުގެ ހަގީގީ ކުޅުންކަމަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭނެ އެވެ. އެއިގެ ސަބަބަކީ ކޮބައިހެއްޔެވެ؟ ސަބަބެއްވެސް އޮންނާނެތާއެވެ. ރަނގަޅެވެ. ސަބަބުތައް ބައިވަރު އެބަހުއްޓެވެ. ފެނިގެން އެދިޔައީ އެހަތަރު ކުލަބުގެ އަސްލު ކުޅުމެއްނޫނެވެ. ތަމްސީލް ވެގެންއެދިޔައީ އެކުޅުންތެރިންގެ އަސްލު ގުޅުމާއި ކުޅުމެއްވެސްނޫނެވެ. މިހެން ދިމާވުމުގައި ފާހަގަ ކުރެވޭ ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން އެންމެ ފުރަތަމަ ފާހަގަ ކޮށްލަން ޖެހެނީ ސާފްޗެމްޕިއަންޝިޕްގައި ކައިރިކައިރީގައި ކުޅުންތެރިން މެޗުތަކެއް ކުޅެންޖެހުމެވެ. އެއިން ކޮންމެ މެޗެއްގައިވެސް ފުރަތަމަ 11 ގެ އެއްވެސް ކުޅުންތެރިޔަކަށް ރެސްޓެއް ދޭނެ ހަނިވެސް ފުރުޞަތެއް ކޯޗަށް ނުލިބުމެވެ. ސަބަބަކީ ރާއްޖެ ކުޅުނު ކޮންމެ މެޗަކީވެސް މޮޅުވުން މަޖްބޫރު މެޗަކަށް ވެފައިއޮތުމެވެ. ބަދަލު ކުޅުންތެރިން ލައިގެން ކޯޗަށް ފަރުޖައްސާލެވެން ނެތް މެޗު ތަކަކަށްވުމެވެ. އެހެންކަމުން ކުޅުންތެރިންތިބީ މުބާރާތް ނިމުނުއިރު މުޅިން "ލޮޑުވެފަ" އެވެ. ނުވަތަ "ހަންކެނޑިފަ" އެވެ. މިގޮތަށް ތިބެ 10 ދުވަސް ތެރޭގައި ލީގަށް ނުކުންނަން ޖެހުމަކީ ކުޅުންތެރިންގެ "ލޮޑުކަން" އިތުރުވި ކަމަކަށްވިއެވެ. ދެވަނަ ސަބަބަކީ ސާފްޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ކޮންމެ މެޗަކީވެސް ވަރުގަދަ "ކޮޅިގަނޑެއްގައި" ދުއްވައިގެން ނޫނީ ފަރުޖައްސާލެވެން ނެތް މެޗު ތަކަކަށްވުމުން ކުޅުންތެރިން މުބާރާތް ނިންމާލަން ޖެހުނީ "ކަށިން ހިތްވަރު ނެރެގެން" ކަމަށްވުމުން އެކިވަރުގެ އަނިޔާ ތައް އެކުޅުންތެރިންގެ ހަށިގަނޑަށް ލިބުމެވެ. ދިވެހިލީގަށް އަނިޔާގެ ސަބަބުން ބަޔެއް ކުޅުންތެރިންނަށް ނުނުކުމެވުނުއިރު ނުކުތް ބަޔެއް ކުޅުންތެރިންނަކީވެސް އަނިޔާގައިތިބެ ކުޅެން ނުކުތް ކުޅުންތެރިންނެވެ. ތިންވަނަ ސަބަބަކީ ސާފްޗެމްޕިއަންޝިޕަށް ކުޅުންތެރިން ކުރިމަތިލީ ވަރަށްބޮޑު ޕްރެޝަރެއްގައި ތިބެކަމަށްވެފައި މުބާރާތުގެ އެންމެފަހު މެޗާއެކު ދިވެހިޓީމަށް ލިބިގެންދިޔައީ މިއިން ޒަމާނަކު ދުވަހަކުވެސް ނުލިބޭވަރުގެ އުފަލަކަށްވުމުން ކުޅުންތެރިން "އުފަލުން މަރުވާވަރު ވެފައި" ތިބުމުން ލީގު މަތިން މާބޮޑަށް ހަނދާން ނެތުމެވެ. ނުވަތަ ލީގަށް މާބޮޑު ޝައުގުވެރިކަމެއް ނުދެވުމެވެ. ގައުމީޓީމު މިހޯދި ކާމިޔާބަކީ މުޅިގައުމު އެއްއަޑަކުން އަތްޖަހައި އުފާކުރި ކަމެކެވެ. އެއުފާތައް ކުޅުންތެރިންނަށް އިޙްސާސްވާނީ އަހަރެމެން ސަޕޯޓަރުންނަށް އިޙްސާސްވާ ގޮތަކަށްނޫނެވެ. ކުޅުންތެރިންގެ އިޙްސާސްތައް މާވަރުގަދަވާނެއެވެ. އެހެންކަމުން ކުޅުންތެރިންނަށް އެލިބުނު ބޮޑު އުފަލާއެކު ދިވެހިލީގުގެ ޝައުގުވެރިކަމުގެ ތެރެއަށް ނުވަދެވިތިބެ ވަންނަން ޖެހުނީއެވެ. ކުރުގޮތަކަށް ބުނާނަމަ ކުޅުންތެރިންތިބީ ލީގަށް ނުވަދެއެވެ. އެކަމަކު ރޭކާލީއިރު ތިބީ ލީގުގެ ތެރޭގައެވެ. ހަތަރުވަނަ ސަބަބަކީ ސާފްޗެމްޕިއަންޝިޕްގައި ގައުމީޓީމުގެ ކުޅުންތެރިން އެކުގައި ތަމްރީންތައް ހޯދަމުން ދިޔައިރު ގައުމީޓީމަށް ނާރައިތިބި ކުޅުންތެރިން ކުލަބާއެކު ޕްރެކްޓިސް ކުރަމުންގޮސް މިދެބައި މީހުން އެކުގައި ގުޅިގެން ޕްރެކްޓިސް ނުކޮށްތިބެ ކުޅެން ނުކުންނަން ޖެހުމުން ކުޅުންތެރިންގެ ގުޅުމުގެ މައްސަލަ ނުކުތުމެވެ. އެކުގައި ޕްރެކްޓިސް ކޮށްލަން ދުވަސްކޮޅެއް ނުލިބިތިބެ ނުކުންނަން ޖެހުމުން ކޮންމެ ކުލަބެއްވެސް ފެނިގެންދިޔައީ ވަކިވަކި ކުޅުންތެރިންގެ ޓީމެއްގެ ގޮތުގައެވެ. ޓީމްވޯކް ނެތެވެ. ފަސްވަނަ ސަބަބަކީ ފަހަރެއްގައި ގަބޫލުކުރަން ދަތި ސަބަބަކަށްވެސް ވެދާނެއެވެ. ގައުމީޓީމުގެ ކުޅުންތެރިންގެ އިތުރުން ކުލަބުތަކުގައިތިބި އެހެން ކުޅުންތެރިންގެ ޝައުގުވެރިކަންވެސް ހުއްޓިފައި އޮތީ ސާފްޗެމްޕިއަންޝިޕްގެ ރަންމެޑަލް ހޯދި ޓީމަށެވެ. އެއުފަލުގައި އެކުޅުންތެރިންވެސް ބައިވެރިވިއެވެ. އެކުޅުންތެރިންގެ ވިސްނުންވެސް ލިބުނު އުފަލެއްގެ ބޮޑުކަމުން ލީގުން ބޭރަށް ކޮންމެވެސް ވަރަކަށް ކައްސާލީ ކަމަށްވެދާނެއެވެ. އަދި ހަމައެފަދައިން ކުލަބުތަކުގެ ކޯޗިންގ ސްޓާފްގެ ބަޔެއް މީހުންނަށްވެސް މިކަހަލަ ގޮތެއް ވެފައިހުރުމަކީ ނުވާނެކަމެކޭ ނުބުނާނަމެވެ. 6 ވަނަ ސަބަބަކީވެސް ގަބޫލުކުރަން އުދަނގޫ ސަބަބަކަށް ވެދާނެއެވެ. ގައުމީޓީމުގައި ވަރަށް އެކުގައި މަހަކަށްވުރެ ގިނަދުވަހު ގައުމަށް ރީތި ނަން ހޯދައިދިނުމަށް އެއްލަވަޔެއްގެ ދަށުން މަސައްކަތް ކުރަން އުޅުމަށްފަހު ކުއްލިއަކަށް މިތުރުން ހަތުރުންނަށް ކުލަބު ލެވެލްގައި ވުމަކީ އެކުޅުންތެރިންނަށް އުދަނގޫ ކަމަކަށްވެސް ވެދާނެއެވެ. އެހެންކަމުން ފުޓްބޯޅައިގެ ގިނަ ތަޖްރިބާކާރުން ގަބޫލު ކުރާގޮތުގައި ލީގުގެ ކުޅުން މަޑުމަޑުން ކުރިޔަށްދާ ވަރަކަށް ކުލަބުތައްވެސް އެކުލަބުތަކުގެ ލެވެލްއަށް އައިސް ކުޅުންތެރިންވެސް އެމީހުންގެ މިންގަނޑަށް ފެތިގެން ކުޅެން ފަށާނެއެވެ. ލީގުގެ ކުރީކޮޅު މިގޮތަށް ދިޔައަސް ލީގުގެ މެދެއްހާ ހިސާބުން ލީގުގެ އަޑު ގަދަވެގެން ދާނެއެވެ. އެހެންކަމުން މިހާރު ފެންނަ ކުޅުމަކީ މާބޮޑު މައްސަލައަކަށް ނުހަދައި އަހަރެމެންވެސް ބަލަން ތިބެންވީއެވެ. ނަމަވެސް ލީގުގެ މެދެއްހާ ހިސާބަށް ދާއިރުވެސް މިފެންވަރުގައި ކުލަބުތަކާއި ކުޅުންތެރިން ތިބެއްޖެނަމަ ރަންމެޑަލްގެ ކުޅުންތެރިންގެ މަސައްކަތާމެދު ސުވާލު މާކެއް ޖެހިގެންދާނެއެވެ. ރަންމެޑަލްއާއެކު ދިވެހި ފުޓްބޯޅައަށް މިވީ ކީއްހޭ ބުނާނެ މީހުން ބައިވަރު ތިބޭނެއެވެ. އެކަމަކު ވަރަށް ޔަގީނެވެ. ލީގުގެ ވަކިހިސާބަކުން ކުޅުންތެރިން މިހާރަށްވުރެ މޮޅު ފުޓްބޯޅައެއް ކުޅެން ފަށާނެއެވެ. ޓީމުތަކުގެ ޓީމްވޯކް ފެންނަން ފަށާނެއެވެ. ރަންމެޑަލްގެ އާ ހުނަރުތައްވެސް ފެނިގެންދާނެއެވެ. |
||||||||||