HOME    

ޗައިނާ ބަލިކޮށް ރާއްޖެ ސެމީފައިނަލަށް ހިނގައްޖެ

20 ނޮވެމްބަރ 2008

އިސްމާއީލް ހައިބަތު

     ތައިލެންޑްގައި މިހާރު ކުރިޔަށްދާ އޭސީސީ އަންޑަރ 17 ޗެލެންޖްކަޕްގެ ގްރޫޕް ސްޓޭޖުގައި ޗައިނާ އަތުން މޮޅުވެ ދިވެހި ޒުވާން ޓީމު ސެމީފައިނަލަށް ދަތުރު ކޮށްފިއެވެ. އެއީ 39 ލަނޑުން ޗައިނާ ބަލިކޮށްގެންނެވެ. ޓޮސް ދިމާވުމުން ދިވެހި ޓީމު ކުޅެން އަރައި 19 އޯވަރުގެ ތެރޭގައި 68 ލަނޑު ހެދިއެވެ. ދިވެހި ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 10 ލަނޑު ހެދި މުޙައްމަދު އަނަސް އާއި 8 ލަނޑު ހެދި މުޙައްމަދު ޖައިލަމް އާއި މުޙައްމަދު އަކްރަމެވެ.

ޖަވާބުގައި ޗައިނާ ޓީމުން ކުޅެން އަރައި  11 އޯވަރުގެ ތެރޭގައި ހެދުނީ 29 ލަނޑެވެ. މިއިނިންގްސްގައި ދިވެހި ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ 4 ވިކެޓް ނެގި އަޙްމަދު އަމީލާއި 3 ވިކެޓް ނެގި މުޙައްމަދު ޝަމީމެވެ. ރާއްޖެ އާއި ތައިލެންޑް އަދި ޗައިނާ ހިމެނޭ މިގްރޫޕްގެ މެޗުތައް މިހާރު ވަނީ ނިމިފައެވެ. މިގްރޫޕުން 1 ވަނަ ލިބިފައިވަނީ ތައިލެންޑަށެވެ. 2 ވަނަ ރާއްޖެއަށް ލިބުމުން ޗައިނާ މުބާރާތުން ކެޓީއެވެ. އަނެއް ގްރޫޕުން ސެމީފައިނަލް ޔަގީން ކޮށްފައިވަނީ އޮމާނެވެ. ސެމީގެ ދެވަނަ ޖާގަ އީރާނާއި އަފްޣާނިސްތާން އަދި މުޔަންމާއަށް ހޯދުމުގެ ފުރުޞަތުވެސް އެބައޮތެވެ.