HOME    

އެފްއޭއެމުން އިއްޔެ ނެރުނު ނޫސްބަޔާން:

17 ނޮވެމްބަރ 2008

ތިރީގައި އެވަނީ އެފްއޭއެމްގެ މެމްބަރު ކުލަބެއްގެ ގޮތުގައި ނެތް މާލޭ ފުޓްބޯޅަ ކުލަބް 3 ވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރި ނުކުރަން އެފްއޭއެމުން ނިންމުމުން އެކުލަބުން މަދަނީ ކޯޓަށް އުފުލި ދައުވާގެ ނިޔާއަށްފަހު މުބާރާތް ވަކިތާރީޚެއްނެތި ފަސްކުރުމަށް ކޯޓުން އަމުރު ނެރެފައިވާތީ އެފްއޭއެމުން އިއްޔެ ނެރުނު ނޫސްބަޔާނެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ނޫސްބަޔާން            ނަންބަރު 2008/34

      ފީފާ އާއި އޭއެފްސީ އަދި ރާއްޖޭގެ ގާނޫނާއި ގަވައިދު ތަކާއި އެއްގޮތަށް މިއެސޯސިއޭޝަންގެ ހިންގާ ގަވައިދު އިސްލާޙް ކުރުމަށްފަހު 20 ޖުލައި  2008 ދުވަހު ކުރިޔަށް ގެންގޮސްފައިވާ މިއެސޯސިއޭޝަންގެ އިންތިޚާބަކީ ގާނޫނީ އެއްވެސް ޙައިސިއްޔަތެއްނެތް  އަދި ޖަމްއިއްޔާތަކާއި ބެހޭ ގާނޫނާއި ޚިލާފަށް ބާއްވާފައިވާ އިންތިޚާބެއް ކަމަށް ބަޔާންކޮށް އިންތިޚާބާއިބެހޭ އެންމެހައި ކަންތައްތައް ބާތިލް ކުރުމަށް މާލޭ ފުޓްބޯޅަ ކުލަބްގެ ފަރާތުން މިއެސޯސިއޭޝަނާ ދެކޮޅަށް ކޯޓުގައި ދައުވާ އުފުލާފައިވާތީވެ މިއަމަލަކީ މިއެސޯސިއޭޝަނުގެ ހިންގާ ގަވައިދުގެ 58 ވަނަ މާއްދާއާއި ޚިލާފު ވެފައިވާ އަމަލެއް ކަމުން،

ހިންގާ ގަވައިދުގެ މާއްދާ 58 ބާރުގެ ދާއިރާ

     މި ހިންގާ ގަވައިދާއި ފީފާގެ ގަވައިދުގައި ކަނޑައަޅައި ބަޔާންވެގެންވާ ޙާލަތެއްގައި މެނުވީ މެދުވެރިވާ މައްސަލައެއް ޙައްލު ކުރުމަށް އެފްއޭއެމްއިންވެސް މެމްބަރުންވެސް ކުޅުންތެރިންވެސް އޮފިޝަލުންވެސް މެޗެއްގެ ކުޅުންތެރިންވެސް އެމައްސަލައެއް ޝަރުއީ ކޯޓަކަށް ހުށަހަޅައިގެން ނުވާނެއެވެ. އުފެދޭ ކޮންމެ ދެބަސްވުމެއް ހުށަހަޅަންވާނީ ފީފާގެ ނުވަތަ އޭއެފްސީގެ ނުވަތަ އެފްއޭއެމްގެ ބާރުގެ ދާއިރާގައިވާ ތަނަކަށެވެ.

     އެފްއޭއެމްއިން މިހާރު އަމަލު ކުރަމުންގެންދާ ހިންގާ ގަވައިދުގެ 33 ވަނަ މާއްދާގެ (އ)،(ދ) ގެ ދަށުން އެގްޒެކްޓިވް ކޮމިޓީން މާލޭ ފުޓްބޯލް ކުލަބް 2008 ވަނަ އަހަރުގެ މާލޭލީގް 3 ވަނަ ޑިވިޝަން މުބާރާތުގައި ބައިވެރި ނުކުރުމަށްވަނީ ނިންމާފައެވެ.

މާއްދާ 33 އެގްޒެކްޓިވް ކޮމިޓީގެ ބާރުތައް

(އ) އެފްއޭއެމްގެ މުބާރާތްތައް ބާއްވާނެ ތަނަކާއި ތާރީޚާއި ބައިވެރިވާ ޓީމުތަކުގެ އަދަދު ކަނޑައެޅުން.

(ދ) ވަކިކުރަން ފެނިއްޖެ މީހަކު ނުވަތަ ފަރާތެއް ވަކިކުރުން ނުވަތަ ދެން އޮންނަ ކޮންގްރެހެއް ބޭއްވުމާ ހަމައަށް ވަގުތީ ގޮތުން ވަކިކުރަންޖެހޭ މެމްބަރުން ވަގުތީ ގޮތުން ވަކިކުރުން.

      ދެންނެވިފައިވާ ގަވައިދުގެ ދަށުން މިއެސޯސިއޭޝަންގެ ފަރާތުން މާލޭ ފުޓްބޯޅަ ކުލަބާއި މެދު އަމަލު ކުރުމާއި ގުޅިގެން އެފަރާތުން އެމައްސަލަވެސް ވަނީ ކޯޓަށް ހުށަހަޅާފައެވެ. އަދި މިކަމާއި ގުޅިގެން 16 ނޮވެމްބަރ 2008 ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތް ނުފަށާ ލަސްކުރުމަށް ކޯޓުގެ އަމުރެއް ނެރެފައިވާތީވެ ވަކި މުއްދަތެއް ނެތްގޮތަށް ދެންނެވިފައިވާ މުބާރާތް ލަސްކުރެވިފައިވާކަން އެންމެހާ ކުލަބްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

     މިއެސޯސިއޭޝަންގެ ހިންގާ ގަވައިދާ ޚިލާފްވާ ފަރާތްތަކާއިމެދު ގަވައިދުން މިއެސޯސިއޭޝަންގެ ޒިންމާ އުފުލާފައި ވަނިކޮށް މިފަދަ އަމުރެއް ކޯޓުން ނެރެ މުބާރާތް ލަސްކުރަން ޖެހުނު ސަބަބަށްޓަކައި މުބާރާތުގައި ބައިވެރި ވެފައިވާ 26 ޓީމުގެ އުނިވާ ހައްގުތަކަށް މިއެސޯސިއޭޝަނުން ނިޔާޔަތަށް މައާފަށް އެދޭ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

     ދަންނަވަމެވެ. ޖަމިއްޔާތަކާއި ބެހޭ ރަޖިސްޓްރަރ ފާސްކުރައްވާފައިވާ އެފްއޭއެމްގެ ހިންގާ ގަވައިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ވަނީ އެފްއޭއެމްގެ މެމްބަރުގެ ގޮތުގައި 1 ވަނަ ޑިވިޝަންގައި ތިބޭނީ 6 މެމްބަރުން ކަމަށާއި 2 ވަނަ ޑިވިޝަންގައި ތިބޭނީ 9 މެމްބަރުން ކަމަށާއި 3 ވަނަ ޑިވިޝަންގައި ތިބޭނީ 12 މެމްބަރުން ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ޑިވިޝަނެއްގައި މާލޭ ފުޓްބޯޅަ ކުލަބް ހިމެނިފައެއް ނުވެއެވެ. އަދި ހިންގާ ގަވައިދު ފާސްކުރެވުނު ޖަލްސާއަށް މާލޭ ފުޓްބޯޅަ ކުލަބަށް މެމްބަރަކަށް ނުވުމާއި ގުޅިގެން ދައުވަތު ދެއްވާފައި ނުވާނެކަންވެސް މިއެސޯސިއޭޝަނުން ފާހަގަ ކުރަމެވެ.

     ވީމާ މާލޭ ފުޓްބޯޅަ ކުލަބަކީ މިހާރު އެފްއޭއެމްގެ މެމްބަރެއްގެ ގޮތުގައި ހިމަނާފައިވާ ކުލަބެއް ނޫންކަމުން އެއްވެސް ޙާލެއްގައި މުބާރާތެއްގައި ބައިވެރި ނުކޮށްގެން މުބާރާތް ފަސްކުރަން އެދުމުގެ ގާނޫނީ އެއްވެސް ޙައިސިއްޔަތެއް އޮތްކަމަކަށް މިއެސޯސިއޭޝަނުން ނުދެކޭ ވާހަކަ ދަންނަވަމެވެ.