HOME    

ޙައްމާމު އާޒިމްއާ ބައްދަލު ކުރައްވައިފި

20 ނޮވެމްބަރ 2008

ލާލް

ވިޝަން އޭޝިޔާގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެއިން މެލޭޝިޔާއަށް ވަޑައިގަތް އެފްއޭއެމްގެ ރައީސް އަލީ އާޒިމްއާ އޭއެފްސީގެ ރައީސް މުޙައްމަދު ބިން ޙައްމާމު އިއްޔެ ބައްދަލު ކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން އޮތީ މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ އޭއެފްސީގެ މައި އިދާރާގައެވެ. މިބައްދަލު ކުރެއްވުމުގައި އާޒިމްގެ އިތުރުން އެފްއޭއެމްގެ ވައިސް ޕްރެޒިޑެންޓް މުޙައްމަދު ރަޝީދު (ހިޔަލީ) އާއި ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް (ސާޔާ) ވެސް ބައިވެރިވެ ވަޑައިގަތެވެ.

މިބައްދަލު ކުރެއްވުމުގައި އޭއެފްސީގެ ރައީސް ޙައްމާމު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށްޓަކައި އޭއެފްސީން އަބަދުވެސް އެންމެ ފުރިހަމައަށް އެއްބާރުލުން ދެއްްވާނެ ކަމަށެވެ. އަދި އެންމެފަހުން ލަންކާ އާއި ރާއްޖޭގައި ކުޅުނު ސާފްޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހިރާއްޖެ ހޯދުމުން އެކަމަށް އިޝާރާތް ކުރައްވައި ޙައްމާމު ވަނީ ދިވެހި ފުޓްބޯޅައަށް ތައުރީފްގެ ބަސްތައް ރައްދު ކުރައްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އިސްވެރިޔާ ކަމުގައިވާ އާޒިމް ވިދާޅުވީ ފުޓްބޯޅައަކީ ރާއްޖޭގައި އެންމެ ގިނަމީހުން ބަލައިގަންނަ ރާއްޖޭގެ އެއްނަންބަރު ކުޅިވަރު ކަމަށެވެ. އަދި ދިވެހި ފުޓްބޯޅަ މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް ރަނގަޅު ހަރުދަނާ ޕްލޭނެއް ބޭނުންވާ ކަމަށާއި ފުޓްބޯޅައިގައި ދިވެހިންގެ އުންމީދުތައް ހުރީ ވަރަށް އުހުގައިކަންވެސް އާޒިމް ފާހަގަ ކުރެއްވިއެވެ. އަދި އާޒިމްގެ ރައީސް ކަމުގައި ދިވެހި ފުޓްބޯޅަ ނުވަތަ އެފްއޭއެމް ކުރިމަތިލާ އެންމެބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ކުލަބުތައް މިހާރަށްވުރެ ޕްރޮފެޝަނަލް ކުރުން ކަމުގައިވެސް ޙައްމާމު އަރިހުގައި އާޒިމް ވިދާޅުވިއެވެ.