HOME    

ފުޓްބޯޅަ ކޯޗިންގ ކޯސްނިމި ސެޓްފިކެޓް ދީފި

17 ނޮވެމްބަރ 2008

އިސްމާއީލް ހައިބަތު

       އޮލިމްޕިކް ކޮމިޓީ އާއި އެފްއޭއެމް ގުޅިގެން ހިންގި ސޮލިޑަރިޓީ ފުޓްބޯޅަ ކޯޗިންގ ކޯސް ނިމިއްޖެއެވެ. އަދި ކޯހުގައި ބައިވެރިވި 24 ކޯޗުންނަށްވެސް ވަނީ ސެޓްފިކެޓް ދީފައެވެ. ދުނިޔޭގެ ވަރަށްގިނަ ގައުމުތަކުގައި މިފަދަ ކުރުކޯސްތައް ހިންގުމުގެ ތަޖްރިބާ ލިބިފައިވާ ފީފާގެ އިންސްޓްރަކްޓަރ ޖަރުމަނުގެ ފިގޭ ކިޔަވައިދިން މިކޯހުގައި ރާއްޖޭގެ ފުޓްބޯޅައިގައި ވަރަށް ފާހަގަ ކުރެވޭ ފަރާތްތަކެއްވެސް ބައިވެރި ވިއެވެ. އަދި ފުޓްބޯޅައިގެ ކޯޗިންގ ދާއިރާއަށް މުޅިން އާ ޒުވާން ކުދިންތަކެއްވެސް ބައިވެރި ވިއެވެ.

     އެގޮތުން ކޯސް ފުރިހަމަކުރި ފާހަގަ ކުރެވޭ ބަޔެއް މީހުންނަކީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން އެންމެފަހުން ކޮށްފައިވާ މުޙައްމަދު ޝިޔާޒް (މޯހަން) އާއި ވިކްޓްރީ އާއި ގައުމީޓީމަށް ކުޅުމަށްފަހު ވިކްޓްރީ އާއި އައިއެފްސީގެ ކޯޗިންގ ޕެނަލުގައިވެސް މަސައްކަތް ކުރުމުގެ އިތުރުން ޒޯން ލީގުގައި ވަރަށްގިނަ ޓީމުތަކަށް ކޯޗު ކަންކޮށްދީފައިވާ ލިރުޣާމް ސައީދު (ލަރޭ) އާއި ޔޫތް ސްޕޯޓްސް ކުލަބާއި ކުލަބް ވެލެންސިއާއަށް ކުޅުމަށްފަހު ގުރައިދޫ ޒުވާނުންގެ ޖަމްއިއްޔާ އާއި ވިޔަންސާގެ ކޯޗުކަން ކޮށްފައިވާ މުޙައްމަދު ނިޒާމް އާއި ކުރިން ނިއުރޭޑިއަންޓާއި ގައުމީޓީމުގެ އިތުރުން އީގަލްސްއަށްވެސް ކުޅެފައިވާ ފޯވަޑް ނިހާން ނަސީރާއި ކުރިން ނިއުރޭޑިއަންޓްގެ 1 ނަންބަރު ކީޕަރުކަން ކޮށްފައިވާ އިބްރާހީމް ރަޝީދު (ރެޖީނާ އިއްބެ) އާއި ނިއުރޭޑިއަންޓާއި ވެލެންސިއާއަށް ކުޅެފައިވާ މުޙައްމަދު އިބްރާހީމް (ދޮންބެ) އާއި އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އެމްއީއެސްއިން ވިދާލުމަށްފަހު އައިއެފްސީއަށްވެސް ކުޅެފައިވާ ޑިފެންޑަރ ލުތުފީ (ހަންޓަރ) އެވެ.

     މިކޯހަކީ ވަކި ފެންވަރެއްގެ ލައިސަންސެއް ދޭ ކޯހެއްނޫނެވެ. މިކޯސް ފުރިހަމަކުރި ހުރިހާ ކޯޗުންނަށްވެސް ދީފައިވަނީ ކޯސް ފުރިހަމަ ކުރިކަމުގެ ހަނދާނީ ލިޔުމެކެވެ.