|
ނިއުގެ ކޯޗާއި ބޭރު ކުޅުންތެރިން މިއަދު އަންނާނެ 20 ނޮވެމްބަރ 2008 އިސްމާއީލް ހައިބަތު އަންނަ އަހަރުގެ ސީޒަނުގައި ނިއުގެ ކޯޗުކަން ކުރާ ބަލްގޭރިޔާގެ ތަޖްރިބާކާރު ކޯޗު ސްޓޮއިކޯފް މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ އަންނާނެ ކަމުގައި އެކުލަބުން ބުނެފިއެވެ. އަދި ކޯޗާއެކު ގެނެއުމަށް ހަމަޖައްސާފައިވާ ބަލްގޭރިޔާގެ ތިންކުޅުންތެރިންވެސް ހަމައެފްލައިޓުން މިއަދު ހެނދުނު މާލެ އަންނާނެއެވެ. މިއީ ފޯވަޑަކާއި މިޑްފީލްޑަރަކާއި ޑިފެންޑަރެއް ކަމުގައިވެސް ނިއުރޭޑިއަންޓުން ބުނެއެވެ. ކޯޗާއި ކުޅުންތެރިން މިއަދު މާލެ އަންނައިރު ނިއުއިން ތައްޔާރު ވަމުންދަނީ އަންނަ ހުކުރު ދުވަހު ވިއެޓްނާމްގައި ފަށާ ބައިނަލް އަގްވާމީ މުބާރާތަކަށް ދިޔުމަށެވެ. އެގޮތުން ވިއެޓްނާމަށް ދިޔުމަށްޓަކައި ނިއުގެ ފުޓްބޯޅަ ޓީމު އަންނަ އަންގާރަ ދުވަހު މާލެއިން ފުރާނެ ކަމުގައިވެސް އެކުލަބުން ބުނެއެވެ. މިދަތުރުގައި މިއަދު އަންނަ ކޯޗާއި ތިންކުޅުންތެރިންގެ އިތުރުން ބައިވެރިވާނީ ނިއުއަށް އަންނަ އަހަރު ކުޅުމަށް އެއްބަސް ވެފައިވާ ކުޅުންތެރިންނެވެ. ނަމަވެސް ނިއުއަށް އަދި ސޮއި ނުކޮށްހުރި އާދަމް ޝަރީފް (އެޑަމް) ނިއުއާއެކު ވިއެޓްނާމަށް ދާނެއެވެ. އެޑަމް އަދި ނިއުއަށް ސޮއި ނުކުރި ނަމަވެސް ނިއުގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ނިޔާޒް ވިދާޅުވީ އެޑަމް ވަރަށް އަވަހަށް ނިއުއަށް ސޮއި ކުރާނެ ކަމަށެވެ. ނިއުގެ އިތުރުން ވިއެޓްނާމްގެ ޕްރޯ ލީގުގެ ހަތަރު ޓީމާއި ތައިލެންޑާއި ބްރެޒިލް ޓީމެއްވެސް ބައިވެރި ކޮށްގެން ކުރިޔަށްގެންދާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 20 ހާސް ޑޮލަރު ލިބޭނެއެވެ. އަދި ރަނައަޕް ޓީމަށް 10 ހާސް ޑޮލަރު ލިބޭނެއެވެ. ތިންވަނަ ޓީމަކަށްވެސް 5 ހާސް ޑޮލަރު ލިބޭނެ ކަމުގައި ވިއެޓްނާމް ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވެއެވެ. އަދި މުބާރާތަށްދާ ޓީމުތަކުގެ އެއާރޓިކެޓްގެ 50 ޕަސެންޓް ޚަރަދު ކުރަނީވެސް ވިއެޓްނާމް ފުޓްބޯޅަ ފެޑަރޭޝަނުންނެވެ. މީގެއިތުރުން ކެއުމާއި ހުރުން ކުލަބުތަކަށް ހަމަޖައްސައިދެނީވެސް ވިއެޓްނާމް ފުޓްބޯޅަ ފެޑަރޭޝަނުންނެވެ.
|
||||||||||