HOME    

ވިކްޓްރީ ދޫކޮށް އަނިލް މާޒިޔާއަށް ބަދަލުވަނީ
އަނިލް ލިބޭނެކަމުގެ 90 ޕަސެންޓް ޔަގީންކަން އެބައޮތް- މާޒިޔާ

17 ނޮވެމްބަރ 2008

ޖައުފަރު ރަޝީދު (ޖޯރޭ)

       1992 ވަނަ އަހަރު ވިކްޓްރީގެ ފުޓްބޯޅަ ޓީމުން ކުލަބް ފުޓްބޯޅައިގެ ތެރެއަށް ތައާރަފް ވެގެންދިޔަ އިސްމާއީލް އަނިލް 15 އަހަރު ވިކްޓްރީއަށް ކުޅުމަށްފަހު އެކުލަބް ދޫކޮށްލުމަށް ވިސްނަން ފަށައިފިއެވެ. އަނިލް ބުނިގޮތުގައި އޭނާގެ 16 އަހަރުގެ ފުޓްބޯޅައިގެ ކެރިއަރުގައި 15 އަހަރު ޚިދުމަތްކުރި ވިކްޓްރީ ދޫކޮށްލުމަށްފަހު 2009 ވަނަ އަހަރު އޭނާ ފެނުން އެންމެ ކައިރީ ފެހި ޖާޒީގައި ކުޅެމުން އަންނަ މާޒިޔާއިންނެވެ.

     އަނިލް ބުނީ މާޒިޔާއާ އޭނާއާ ދެމެދު މިހާރު ރަސްމީކޮށް ވާހަކަ ދެކެވެމުން ދާކަމަށާއި އަދި އެއްބަސްވުމަކާ ހަމައަށްވެސް ގާތްގަނޑަކަށް އާދެވިފައިވާ ކަމަށެވެ. ނަމަވެސް އޭނާ 2009 ވަނަ އަހަރު ލާނީ ރަތް ޖާޒީކަމެއް ނުވަތަ ފެހި ޖާޒީކަމެއް އަދި ފައިނަލް ނުކުރާކަމަށް ބުންޏެވެ. އެކަމަކު ފެނުން އެންމެ ކައިރީ ރަތަށްވުރެ ފެހިކުލައިން ކަމުގައި އޭނާ ބުންޏެވެ.

     މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްޚާބު ވިދާޅުވީ އަނިލް ހޯދުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި 90 ޕަސެންޓް ކާމިޔާބު ވެއްޖެ ކަމަށެވެ. އަނިލް ލިބޭނެކަމުގެ 90 ޕަސެންޓް ޔަގީންކަން މާޒިޔާއަށް އޮތްއިރު އަނިލް އެކުލަބަށް ގެންދަނީ ކިހާވަރެއްގެ މުސާރައަކަށް ކަމެއް ވައްޚާބު ވިދާޅެއް ނުވިއެވެ. ވައްކާބު ވިދާޅުވީ އަނިލް ފަދަ ތަޖްރިބާކާރު ކުޅުންތެރިޔަކު ޓީމަށް ބޭނުންވާ ކަމަށެވެ.

19 ފެބްރުއަރީ 1974 ގައި އުފަންވެ އުމުރުން މިހާރު 34 އަހަރު ވެފައިވާ އަނިލްއަކީ ގަލޮޅު ދަނޑުން މިހާރު ފެންނަ ކުޅުންތެރިންގެ ތެރެއިން އެންމެގިނަ ދުވަހު ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ދެކުޅުންތެރިންގެ ތެރެއިން އެކަކެވެ. އަނެއް ކުޅުންތެރިޔަކީ އަސްރަފް ލުތުފީ (ސަމްޕަތު) އެވެ. މިދެކުޅުންތެރިންވެސް ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށީ އެއްއަހަރަކުއެވެ. އެއީ 1992 ވަނަ އަހަރުއެވެ. އަނިލް އެއަހަރު ފެށީ ވިކްޓްރީންނެވެ. ސަމްޕަތު ފެށީ ކުލަބް ލެގޫންސުންނެވެ. ނަމަވެސް އޭގެކުރިން ސަމްޕަތު ވަނީ ދެވަނަ ޑިވިޝަނުގައި ފްލޮރެންޓީނާއަށް ކުޅެފައެވެ.

އަނިލްގެ ފުޓްބޯޅައިގެ 16 އަހަރުވީ ދިގު ތާރީޚުގައި އޭނާ ލާފައިވަނީ އެންމެ ދެޖާޒީއެވެ. އެއީ ވިކްޓްރީގެ ޖާޒީ އާއި ކުލަބް ވެލެންސިއާގެ ޖާޒީއެވެ. 1992 ވަނަ އަހަރުން ފެށިގެން ވިކްޓްރީއަށް ކުޅެމުންދިޔަ އަނިލް 1998 ވަނަ އަހަރު ވިކްޓްރީ ދޫކޮށްލުމަށްފަހު ވެލެންސިއާއަށް ބަދަލުވިއެވެ. ވެލެންސިއާއަށް އެންމެ އަހަރަކު ކުޅެދިނުމަށްފަހު އަނިލް އަނެއްކާވެސް ބަދަލުވީ އޭނާ އުފަންކުރުވި ކުލަބް ކަމުގައިވާ ވިކްޓްރީއަށެވެ. ނަމަވެސް ވެލެންސިއާގެ ސަޕޯޓަރުންނަށް އަގުނުކުރެވޭފަދަ ހަދިޔާއެއް ދިނުމަށްފަހުއެވެ.

އަނިލްވަނީ ވިކްޓްރީ އާއި ވެލެންސިއާއަށްވެސް ވަރަށްބޮޑު ކާމިޔާބެއް ހޯދައިދީފައެވެ. އެގޮތުން އޭނާ ކުޅެން ނުކުތް ފުރަތަމަ އަހަރުވެސް ވިކްޓްރީއަށް ހޯދައިދިނީ ވަރަށްބޮޑު ހިނިތުންވުމެކެވެ. އެއަހަރުގެ ގައުމީ މުބާރާތުގެ ފައިނަލަށް ވިކްޓްރީ ނުކުތީ ނިއުރޭޑިއަންޓް އެތަށި މިލްކުކުރަން ނުކުމެ އޮއްވައެވެ. ނަމަވެސް ނިއުގެ އުންމީދުތައް ފެންކޮށްލައި ވިކްޓްރީއަށް ތަށި އުފުލާލަދިނީ ފައިނަލް މެޗުގައި ނިއުގެ ކޮޅަށް އަނިލް ޖެހި ރީތި ލަނޑަކުންނެވެ. ވެލެންސިއާގެ ތާރީޚުގައިވެސް އަނިލްގެ ނަން ފުހެވޭނެ ގޮތެއްނެތެވެ. 1998 ވަނަ އަހަރު ކަޕްވިނާރސްކަޕް ވެލެންސިއާއަށް މިލްކުކޮށްދިނީ އަނިލްގެ ހިތްގައިމު ދެލަނޑުންނެވެ. އަނިލްއަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށްވެސް މުހިންމު މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިޔެކެވެ.