HOME    

ވީބީން މެލޭޝިޔާއަށް ދާން ނިންމައިފި

19 ނޮވެމްބަރ 2008

ލާލް

(ވީބީގެ ސީއީއޯ ގަހުތާން ޙަލީމް (ގައްބަރު). މިހާރު މަސައްކަތް ކުރައްވަނީ މެލޭޝިޔާގައި ކުޅޭނެ މެޗު ތަކުގެ ކަންތައް ހަމަޖެއްސުމަށް. އެކަންވެސް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމުގައި ގައްބަރު ވިދާޅުވި)

       އަންނަ އަހަރުގެ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވީބީން ކުރަން ނިންމި ޓްރޭނިންގ ދަތުރުގައި ދާނެ ގައުމެއް އެކުލަބުން ނިންމައިފިއެވެ. ވީބީން މެލޭޝިޔާއަށް ދާން ނިންމުމުގެ ކުރިން ވަނީ ދުބާއީ އާއި ތައިލެންޑަށް ދިޔުމަށްވެސް ވިސްނާފައެވެ. ނަމަވެސް ވީބީގެ ސީއީއޯ ގަހުތާން ޙަލީމް (ގައްބަރު) ވިދާޅުވީ މިހާރު މެލޭޝިޔާ ފައިނަލް ކަމަށެވެ.

     "މިހާރު އެއޮތީ މެލޭޝިޔާ ހަމަޖެހިފައި. ދުބާއީ އާއި ތައިލެންޑްވެސް ގޯހެއްނޫން. އެކަމަކު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ކަމަށް ފެނުނީ މެލޭޝިޔާ. ދާނެ ގައުމު ފައިނަލް ކުރެވުނަސް ފުރާނެ ތާރީޚެއް އަދި މުޅީން ކޮމްފޯމެއް ނުކުރެވޭ. އަދި މެލޭޝިޔާގައި ކުޅޭނެ މެޗުތަކުގެ އަދަދާއި ބައްދަލު ކުރަންޖެހޭ ޓީމުތައްވެސް މުޅީން ކޮމްފޯމެއް ނުކުރެވޭ. އެކަމަކު ރަނގަޅު މެޗުތަކެއް ލިބޭނެކަން ޔަގީން" ގައްބަރު ވިދާޅުވިއެވެ.

     ވީބީން ވިސްނާފައި އޮތީ މެލޭޝިޔާގައި ދިހަވަރަކަށް ދުވަސް ހޭދަކުރާށެވެ. މިދަތުރުގައި ވީބީގެ ހުރިހާ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންވެސް މިދަތުރުގައި ބައިވެރިވާނެއެވެ. ވީބީން ޓްރޭނިންގ ކޭމްޕާ ކުރިމަތިލާއިރު ވަނީ ޓްރާންސްފަރ މާކެޓުގައި ވަރަށް ރަނގަޅު ވިޔަފާރިތަކެއްވެސް ކޮށްފައެވެ. އެގޮތުން މިއަހަރު ވިކްޓްރީއަށް ކުޅުނު މުޙައްމަދު ޝައްފާޒް (ސައްޕޭ) އާއި ވެލެންސިއާއަށް ކުޅުނު ޝިނާޒް ޙިލްމީ އާއި ވިޔަންސާއަށް ކުޅުނު އަންވަރު އަބްދުލްޣަނީއަކީ ޓްރާންސްފަރ މާކެޓުގައި އެކުލަބުން މިއަހަރު ކުރި ވަރަށް ބޭނުންތެރި ވިޔަފާރިއެކެވެ.